ސިމްބޮލިކް ރެކޯޑްސްއިން ބުނަނީ ކޮރޯނާ ވައިރަސް ލޮލަށް ނުފެނުނަސް ނުރައްކާތެެރިކަމަށް!

10 Nov 2020 | 20:20

2020ވަނަ އަހަރުގައި ދިވެހިރާއްޖެއާ މުޅި ދުނިޔެއިންވެސް ހަނގުރާމަކުރަމުންދަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެވެ. އެތައް ބަޔަކު ފައްސިވެ އެތައް ބަޔަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ. ދުނިޔޭގެ ބައެއް ގައުމުތަކާ ޚިލާފަށް މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމުގައި ދިވެހިރާއްޖެއިން ކާމިޔާބީތަކެއް ހޯދާފައިވާކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތެވެ.

އެހެނަސް، މިއީ އަދި އާންމު ހާލަތަށް ރުޖޫއަވުމެއް ނޫނެވެ. ލޮލަށް ނުފެނުނަަސް އިންތިހާއަށް ބާރުގަދަ ކޮރޯނާ ވައިރަހުގެ ތުރާލުން މިންޖުވުމެއް ނޫނެވެ. މި މެސެޖާއެކު، ދިވެހި ރެޕް ފަންނުގެ "ރަތާއި ކަޅުގެ ލަޝްކަރު" ކަމަށްވާ ސިމްބޮލިކް ރެކޯޑްސްއިން އިއްޔެ ވަނީ "ނުއެއް ފެނޭ" ނަމުގައި ޚާއްސަ ވީޑިޔޯ ލަވައެއް އާންމުކޮށްފައެވެ.

ޔޫޓިއުބްގައި ސިމްބޮލިކްއިން އިއްޔެ ހަވީރު އާންމުކުރި މި ލަވައިގެ ވީޑިޔޯގައި ފެނިގެންދަނީ ޒުވާނުން ބައްޔާ މެދު ފަރުވާތެރިވާން ޖެހޭކަމެވެ. ފަރުވާތެރި ނުވެ ބޭރު ތެރޭގައި އުޅޭ ވަގުތުތަކުގައި ބަލި ޖެހި، އެމީހުންގެ ކިބައިން އެހެން މީހުންނަށްވެސް އަރާފާނެކަމެވެ. 

މި ލަވައިގެ މިއުޒިކް ވީޑިޔޯއިން ކޮވިޑްގެ ދުވަސްވަރުގައި އާންމުންނަށް ޓީވީން ފެނިގެންދިޔަ މޫނުތަކެއްވެސް ފެނިގެންދެއެވެ. އެގޮތުން ޕްރެސްތަކަށް އެރި ބައެއް ނޫސްވެރިން ތަފާތު ގޮތަކަށް ފެނިގެންދާއިރު، އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒްވެސް އެނިމޭޓެޑްކޮށް ދައްކާލައެވެ. އަދި ލަވައިގެ އެއް މައިގަނޑު އެކްޓަރކަމަށްވާ ޒިޔާންއަކީވެސް މަގުބޫލު ސްޕޯޓްސް ޖާނަލިސްޓެކެވެ.

މިލަވަޔާއި ގުޅޭގޮތުން "ވޮއިސް"އަށް މައުލޫމާތުދެމުން ސިމްބޮލިކް ރެކޯޑްސްގެ އޮފިޝަލަކު ވިދާޅުވީ މިއީ ކޭސްތަކުގެ އަދަދުތައް ދަށްވަމުން ދިޔަ ނަމަވެސް މީހުން ފަރުވާތެރި ނުވެއްޖެނަމަ އިތުރު ރާޅެއް އައިސްފާނެކަމުގެ ހޭލުންތެރިކަން ފެތުރުމަށް ތައްޔާރުކުރި ލަވައެއް ކަމަށެވެ. މަހެއްހާ ދުވަހުގެ ތެރޭގައި މި ލަވައިގެ މަސައްކަތްތައް ކޮށް ނިންމާލެވުނު އިރު، ސިމްބޮލިކްއިން ވަނީ ލަވައިގެ މިއުޒިކް ވީޑިޔޯ ތައްޔާރުކުރުމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން އެޗްޕީއޭ، ބައިސްކޯފް އަދި ސިމްބޮލިކް ރެކޯޑްސްގެ ހުރިހާ ރަހުމަތްތެރިން ވަނީ ފާހަގަކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނަށް އޮފިޝަލް ވަނީ ޝުކުރު އަދާކޮށްފައެވެ.

ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ތިން ތަރިންކަމަށްވާ ޕެސްޓް، ޓޯއި އަދި ރައިޑޭ ކިޔާފައިވާ މި ލަވައިގެ ވީޑިޔޯއަށް ޔޫޓިއުބްގައި މިހާތަނަށް ވަނީ 11،400 އަށްވުރެ ގިނަ ވިއު ލިބިފައެވެ.

Advertisement

ކޮމެންޓް