ލީގުގައި ޗެލްސީއިން ބަލިނުވެ ހިފަހައްޓަމުންއައި ރިކޯޑް ޓޮޓެންހަމްއުން ނިމުމަމަކަށް ގެނެސްފި

25 Nov 2018 | 08:01

އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަދި ޗެލްސީ ބައްދަލުކުރި މެޗު 3-1 ކުން ޓޮޓެންހަމް ކާމިޔާބުކޮށް ލީގުގައި ޗެލްސީއިން ބަލިނުވެ ހިފަހައްޓަމުންއައި ރިކޯޑް ނިމުމަކަށް ގެނެސްފިއެވެ.

ޓޮޓެންހަމްވަނީ މެޗުގެ ފުރަތަމަ 16 މިނެޓްތެރޭ މޮޅު ކުޅުމެއް ދައްކާ އެރިކްސަން ނަގައިދިން ކޯނަރަކުން ޑެލެ އަލީ ޖަހައިދިން ލަނޑުންނާއި ހެރީ ކޭން ދުރުން ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދައިލައިގެން ފަސޭހަކަމާއެކު މެޗުގެ ކުރި ހޯދާފައެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް އުފައްދާ މުޅި މެޗް ކޮންޓްރޯލް ކޮށްފައިވަނީ ޓޮޓެންހަމްއެވެ.

ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ސައުތް ކޮރެއާގެ ތަރި ސަން ހިއުންގް-މިން ޗެލްސީގެ ޑިފެންޑަރުން ކައިރިން ދެމިގަނެގެން ގޮސް ޖަހައިދިން ރީތި ލަނޑުން ޓޮޓެންހަމްވަނީ އެޓީމުގެ ލީޑް ތިން ލަނޑަށް ފުޅާ ކޮށްފައެވެ.

މެޗުގައި ޗެސްލީގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެއް ފަސް މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖިރޫޑްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ ވެފަހުރި އުފަލެއްގެ ބޮޑުކަމުން މެޗައި ބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. ޓެކްނިކަލް ނަޒަރަކުން ބެލުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށާއި މޮޅުވުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމުގައިކަމަށް އޭނާ ބުންޏެވެ.

ޓީމުގެ އަމާޒަކީ ސީޒަނުގެ ކުރިއަށް އޮތްތަނުގައި އެއް ފެންވަރެއްގައި ހިފަހައްޓާލުން ކަމަށްވެސް ޕޮޗެޓީނޯ ބުނެފައިވެއެވެ.

ނަތީޖާއާމެދު ހިތްހަމަ ނުޖެހިފައި ހުރި ޗެލްސީގެ ކޯޗް ސަރީ ބުނީ މިއަދު އެނާގަޔާވާ ކުޅުމެއް ދެއްކި އެންމެ ކުޅުންތެރިޔެއްވެސް ނެތް ކަމުގައެވެ. ޕިޒިކަލީ، މެންޓަލީ، އަދި ޓެކްނިކަލީ ގޮތުން ބެލިކަމުގައިވިއަސް ޗެލްސީގެ ފަރާތުން ފެނުނީ ވަރަށް ދަށް ފެންވަރުގެ ކުޅުމެއް ކަމަށެވެ. ޓީމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރަމުން ސަރީ ބުނީ މިއަދު އެކަންތައްތައް އެންމެނަށްވެސް ފެނިގެން ހިނގައްޖެ ކަމަށެވެ.

މި މޮޅާއެކު ޓޮޓެންހަމްވަނީ ތާވަލުގެ ތިންވަނައަށް އަރާފައެވެ. އެއީ ތޭރަ މެޗު ކުޅެގެން ލިބުނު 30 ޕޮއިންޓާއެކުއެވެ. 33 ޕޮއިންޓާއެކު ދެވަނައިގައި ލިވަޕޫލް އޮތް އިރު 35 ޕޮއިންޓާއެކު އެއްވަނައިގަ އޮތީ މެންޗެސްޓަރ ސިޓީއެވެ. ލިވަޕޫލް އަދި ސިޓީ މިސީޒަނުގެ ލީގު މެޗަކުން ބަލިވެފައެއް ނެތެވެ.

Advertisement

ކޮމެންޓް