ޞާލިހްގެ 2 އަހަރު: ޒީރޯ ޓޮލަރެންސް ނުފެނި ކޮރަޕްޝަން މެކުހަށް!

17 Nov 2020 | 12:48

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަން ކާމިޔާބުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައްޗަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންދިޔަ އެންމެ ބޮޑު ތުހުމަތަކީ ދައުލަތުގެ ޚަޒާނާއިން "ވައްކަން" ކުރަމުން ގެންދިއުމެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ނިޒާމުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުމަށް ރަށްތައް ދޫކުރުމުގައި އެމްއެމްޕީއާރްސީން ހިންގި ބޮޑު ޚިޔާނަތަކީ މި ސަރުކާރުގެ ނުރަނގަޅު "ލެގަސީ"އަށް ވެގެންދިޔައެވެ. މި ޚިޔާނާތުގައި ބައިވެރިވެ މަންފާ ލިބުނުކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ހަރަކާތުގެ ފަރާތްތަކަށާއި އަދި ޚުދު ރައީސް ޔާމީންގެ މައްޗަށްވެސް ކުރެވުނެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި އަދި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ހިންގިކަމަށް ބެލެވޭ ޚިޔާނާތްތަކުން ނުހައްގުން މުއްސަނދިވެފައިވާކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކު އަދިވެސް ހަމަޖެހުމާއި އެކު އަރާމުގައި އެބަ އުޅެމުންދެއެވެ. ގާނޫނުގެ ބާރުގަދަ އަތް އެމީހުންނާއި ހިސާބަށް ފޯރުމުގައި ވާގިނެތިފައިވާ ކަހަލައެވެ. ކުރުގޮތަކަށް ދަންނަވާނަމަ ރައީސް ޔާމީންގެ ވެރިކަން ސިފަކުރެވިގެންދިޔައީ "ކްލެޕްޓޮކްރަސީ"އެއްގެ ގޮތުގައެވެ.

އެ ވެރިކަމުގައި ހިނގައިދިޔަކަމަށް ބުނާ ނޭއްގާނީ ކޮރަޕްޝަންގެ އަމަލުތަކަކީ އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓު ހޯދުމަށް އެންމެ ގަދަޔަށް ދެއްކި އެއް ވާހަކައެވެ. އެގޮތުން ތިމަންނާމެންގެ ސަރުކާރެއް ހޮވައިފިނަމަ ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، އެފަދަ ކަންކަން ތަކުރާރުނުކުރާނެކަމަށް އަޑުހަރުކޮށް ބުންޏެވެ.

އެ ވައުދުތައް ގަބޫލުކޮށް، މިހާރު އޮތް ސަރުކާރަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޚްލަބިއްޔަތު ދީ، ފަސް އަހަރުގެ މުއްދަތަކަށް ވެރިކަން ހަވާލުކުރިއެވެ.

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ތައާރަފްކުރި އެންމެ ވަރުގަދަ ހަތިޔާރަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތެވެ. ވިސްލްބްލޯވަރ ނިޒާމެއް ގާއިމްކޮށް، ޗެކް އެންޑް ބެލެންސް ނިޒާމަކުން މިނިވަން މުއައްސަސާތައް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލަތައް ބަލާނެ ފުރުސަތު ހޯދައިދިނެވެ. މިއާއި އެކު ފެނިގެންދިޔައީ ކޮރަޕްޝަން ހުއްޓުވަން އައި ސަރުކާރުގެ ތެރޭގައިވެސް މޫލާފައި ހުރި ކޮރަޕްޝަންގެ ނޭއްގާނީ އަމަލުތަކެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މި ސަރުކާރަަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރުކަމަށްވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ހިނގައިދިޔަ ކޮރަޕްޝަންގެ އަމަލުތަކެވެ. އެގޮތުން އެ ބައްޔާއި ދެކޮޅަށް ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޓޫރިޒަމް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީން ހިންގި ކޮރަޕްޝަންގެ އަމަލުތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓުން ހާމަކުރުމާއި އެކު ގިނަބަޔަކަށް ލިބިގެންދިޔައީ ބޮޑު ސިހުމެކެވެ.

ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ދަށްވެ، އާންމު ފަރުދުންގެ ހާލު ބިކަވެ ސިއްހީ ނިޒާމު ރޫޅިދިއުމުގެ ބިރު އޮތްއިރު، އެ މުއައްސަސާތަކަށް ހަވާލުކުރެވުނު ބޮޑެތި މަސައްކަތްތަކުންވެސް ފެނިގެންދިޔައީ ކޮރަޕްޝަނާއި މާލިއްޔަތު ގަވާއިދުގެ އުސޫލުތައް ބޮލާލައި ޖެހުމެވެ. މި ބޮޑު ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވުމުގެ ތުހުމަތު އެ މިނިސްޓްރީތަކުގެ އެންމެ އިސްވެރިންނަށްވެސް ކުރެވުނެވެ. ކަންކަމާއި މެދު ފާޅުގައި ދޮގު ހަދާފައިވާ މި ވެރިން އެހެނަސް އެ ތިއްބެވީ ގޭގައި އަރާމުގައެވެ. އެ ފަރާތްތަކާ މެދު ދައުވާކުރުމާ ގުޅޭގޮތުން މުއައްސަސާތަކުގެ މެދުގައި “ފުޓްބޯޅަ” ކުޅެނީއެވެ.

މީގެ އިތުރުންވެސް ވެރިކަންކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގައި ހިނގައިދިޔަކަމަށް އޭސީސީން ބުނާ ކޮރަޕްޝަންގެ މައްސަލަވެސް ފާހަގަކޮށްލެވެއެވެ. ލޮނުޒިޔާރަތް ޕާކްގައި ފާހަނަ ބަރިއެއް ހެދުމުގައި މާލިއްޔަތު ގަވާއިދާއި ޚިލާފްވެ ކޮރަޕްޝަންގެ އަމަލެއް ހިންގިކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަވެ، މޭޔަރ ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވިއެވެ. އެހެނަސް މި މައްސަަލައިގައި ދައުވާކުރުމަށް އެދި ފޮނުވިތާ ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިންމާ އޮވެ، މައްސަލައިގެ ބައިތަކެއް އިސްލާހުކުރުމަށްފަހު ހުށައެޅުމަށް އެދި އޭސީސީއަށް ވަނީ އަނބުރާ ފޮނުވާލާފައެވެ.

އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ހިނގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅުއްވާނެކަމުގެ ވައުދުގައެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރާނެކަމުގެ ވާހަކަތަކުގައެވެ. އެއީ ހަމަ ގައިމުވެސް ދިވެހި ރައްޔިތުންވެސް ބޭނުންވާނެ ގޮތެވެ. މޫނަކަށް ކަނދުރާއަކަށް އަދި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އިންސާފާއި އަދުލުވެރިކަމެވެ.

އެހެނަސް މި ވޭތުވެދިޔަ ދެ އަހަރު ފެނިގެންދަނީ އެއާއި މުޅިން ދިމާ އިިދިކޮޅެވެ. ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވެ، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ހަރުދަނާކަމާއި މެދު ސުވާލު އުފެދެން ފަށައިފިއެވެ. ކުރިއަށް އޮތް ތިން އަހަރު ނަތީޖާއެއް ފެންނާނެކަމާ މެދު ޝައްކުވާން ފަށައިފިއެވެ. 

Advertisement

ކޮމެންޓް

Advertisement