ރެއާލް ބަލިވިއިރު ބާސާ ސަލާމަތްވީ ކިރިޔާ

25 Nov 2018 | 08:35

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން 3-0 އެއިބާ އަތުން ރެއާލް ބަލިވިއިރު އެޓްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ސަލާމަތްވީ ކިރިޔާއެވެ. އެޓްލެޓިކޯ އަދި ބާސެލޯނާ ބައްދަލުކުރި މެޗު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ.

އެއިބާ އަދި ރެއާލް މެޑްރިޑް

ދާދި ފަހުން ކޯޗުގެ މަގާމު ދާއިމީވި ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރެއާލް މެޑްރިޑް 3-0 ކުން ބަލިވި މެޗުގައި އެއިބާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އެސްކަލާންޓޭ، އެންރިޗް، އަދި ކީކޭއެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރެއާލް ކުޅުނު ނަމަވެސް އެޓީމު ފެނިގެން ދިޔައީ މޮޅުވުމުގެ މާ ބޮޑު ރޫހެއް ނެތި ކުޅެމުން ދިޔަ މަންޒަރެވެ.

މިއާ ހިލާފަށް އެއިބާއިންވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނެގިފައި އޮތް ނަމަވެސް ރެއާލް ކަހަލަ ވަރުގަދަ ޓީމަކައި ދެކޮޅަށް މެދު ކެނޑުމެއް ނެތި ހަމަލާތައް އުފައްދާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެއިބާވަނީ އުފެއްދި ހަމަލާތަކުގެ ތެރެއިން ދެބައިކޮޅު އެއްބައި ހަމަލާ ރެއާލްގެ ގޯލައި އަމާޒު ކޮށްލާފައެވެ. އެއިބާއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

މި ބައްޔާއެކު ރެއާލް އޮތީ 13 މެޗު ކުޅެގެން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

އެޓްލެޓިކޯ މެޑްރިޑް އަދި ބާސެލޯނާ

އެޓެލެޓިކޯ މެޑްރިޑްގެ އަމިއްލަ ދަނޑުގައި ބާސެލޯނާއައި ދެކޮޅަށް ކުޅުނު މެޗުގައި އެޓްލެޓިކޯގެ ލަނޑު ކާމިޔާބު ކޮށްދިނީ 77 ވަނަ މިނެޓުގައި ގްރިޒްމަން ނަގައިދިން ކޯނަރަކުން ޑިއޭގޯ ކޮސްޓާއެވެ.

ބާސެލޯނާގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް މެސީ ހުސްކޮށްލާފަ ދިން ބޯޅައަކުން ޑެންބެލޭއެވެ.

ލަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓްލެޓިކޯ ކުޅުނީ ދިފާއީ ކުޅުމެކެވެ. އޭގެ ސަބަބުން ބާސެލޯނާއަށްވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅުމުގެ ފުރުސަތު ލިބިފައެވެ. ނަމަވެސް އެޓްލެޓިކޯގެ ޑިފެންސްއުންވަނީ ހުށިޔާރުކަމާއެކު ބާސެލޯނާގެ ނުރައްކާތެރި ފޯވަޑުން ކަމުގައިވާ މެސީ އަދި ސުއަރޭޒް ހިފަހައްޓާލާފައެވެ.

މި މެޗް އެއްވަރުވުމާއެކު ބާސެލޯނާ އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި އެޓްލެޓިކޯ އޮތީ ބާސެލޯނާއަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ދެވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement