ސްޓެލްކޯއިން ތިމާވެއްޓާ ރައްޓެހި ޒަމާނީ ބަސް ހުއްޓިއެއް ތަރައްގީކޮށްފި

14 Nov 2020 | 23:32

ސްޓެލްކޯގެ ފަރާތުން ތިމާވެއްޓާއި ރައްޓެހިވާނެގޮތަކަށް ތަރައްގީކޮށްފައިވާ ބަސް ހުއްޓިއެއް މިއަދު ހުޅުވައިފިއެވެ.

މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި މި ބަސް ހުއްޓި ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިއަދު މި ހުޅުވި ބަސްހުއްޓީގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ޙައްލުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް، އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، އަޙްމަދު ސަމީރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވާރެއާއި އަވިން ހިޔާވާނެފަދަ ގޮތަކަށް ތަރައްގީކޮށްފައިވާ މި ބަސް ހުއްޓިއަކި އޭސީކޮށްފައިވާ ތަނެކެވެ. މިތަނުން ބޯފެން ލިބޭއިރު، ޗާޖްކުރުމަށް ބޭނުންވާ ފަރާތްތަކަށް ޗާޖިންގ ޕޯޓްވެސް ވަނީ ގާއިމްކޮށްފައެވެ. މި ބަސް ހުއްޓިއަށް ބޭނުންވާ ކަރަންޓް އުފައްދައިދެނީ މިތަނުގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ.

މިތަން ގާއިމްކޮށްފައިވަނީ ސްޓެލްކޯގެ ފުރަގަހުން ބޮޑުތަކުރުފާނު މަގުގައެވެ.

Advertisement

ކޮމެންޓް