Advertisement

ޞާލިހް ސަރުކާރަށް ދެއަހަރު: އިދިކޮޅުން ސަރުކާރު ޒިންމާދާރުކުރަން ފެއިލްވެފައި!

17 Nov 2020 | 14:34

ދިމިގްރާތީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ އޭރަކު ވެރިކަމުގައި އޮންނަ ސަރުކާރެއްގެ އަމަލުތަަކަށް ފާރަވެރިވެ، އެ ބަޔަކު ޒިންމާދާރު ވާނެ މަގުފަހިކޮށްދިނުމެވެ. މިކަން ކުރުމުގެ ޒިންމާ މަތިވެފައި އޮންނަ އެންމެ ބޮޑު އެއް ބަޔަކީ މީޑިޔާގެ އިތުރުން، އެ ސަރުކާރާއި އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީތަކާ މަދަނީ ޖަމްއިއްޔާތަކެވެ. މީގެ ތެރެއިންވެސް އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު ފާހަގަވެފައި އޮންނަނީ ވަރަށް ބޮޑަށެވެ. އެބައިމީހުންނަކީ މިހާރު އޮތް ސަރުކާރުގެ ބަދަލުގައި ރައްޔިތުން ބަޔަކު ހޮވާނެނަމަ، ވޯޓުން ހޮވާނެ ފަރާތްތަކެވެ.

ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ސިޔާސީ ނިޒާމެއް ތައާރަފްވުމާއި އަދި 2008ވަނަ އަހަރު ތަސްދީގުކުރެވުނު ފެހި ގާނޫނު އަސާސީގެ އެހީގައި އިދިކޮޅު ސިޔާސީ ޕާޓީގެ ހަރަކާތްތައް ފޯރިއާއި އެކު ގެންދާނެ މަގުތައް ވަނީ ކޮށި ތަނަވަސްވެފައެވެ. އެ މަގުގެ ބޭނުން ހިފައި، ސަރުކާރު ޒިންމާދާރުކުރުވުމަށް މަގުމަތިންނާ، މަޖިލީހުންނާއި އަދި އެހެނިހެން ތަންތަނުގައިވެސް މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ސިޔާސީ ޕާޓީތަކަށް ލިބިދީފައެވެ.

މިހާރު ވެރިކަން ކުރަމުންމިދާ ކޯލިޝަންގެ ސަރުކާރުގެ ކަންތައްތައްވެސް ފެށުނީ އެގޮތަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީންގެ ސަރުކާރުން ހިންގެވިކަމަށް ތުހުމަތުކުރެވޭ އެތަކެއް ނޭއްގާނީ އަމަލުތައް ފެންމަތިކޮށް، އެކަންކަމާ މެދު އަޑުއުފުލައި ސަރުކާރު ޒިންމާދާރުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މަގުމަތީގައި ގައުމު ސިއްސައިގެން ދާފަދަ ބޮޑެތި ރެލީތައް ބާއްވައި، މަޖިލިސް ތެރޭގައި ހޫނު ޒުވާބުތައް ކުރިއަށް ގެންގޮސް ސަރުކާރުގެ މެންބަރުން ޕްރެޝަރަށް ވައްޓާލިއެވެ. މީޑިޔާތަކަށް އަރައި ސަރުކާރަށް ހޫނު ރައްދު ދެމުން ގެންދިޔައެވެ. އަމިއްލައަށް ގައުމުން ބޭރުގައި އަރުވާލެވިގެން ތިއްބެވި ސިޔާސީ ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލުކޮށް، ބޭރުގެ މީޑިޔާތަކަށް ރާއްޖޭގެ ހާލަތުގެ މައުލޫމާތު ދެމުންގެންދިޔައެވެ.

މިފަދަ އެތަކެއް ބުރަ މަސައްކަތްތަކާ އެކު ރައީސް ޔާމީންގެ ވެރިކަން އިންތިޚާބަކުން ބަދަލުކޮށް، މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ ސަރުކާރު ގައުމުގެ ހުންގާނާއި 2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހުގައި ހަވާލުވިއެވެ. އެއާއި އެކު ކުރިން ވެރިކަން ކުރަމުންދިޔަ ޕީޕީއެމް ވެގެންދިޔައީ އިދިކޮޅު ސިޔާސީ ޕާޓީއަށެވެ.

ޕީޕީއެމް އަދި ފަހުން އެޕާޓީގެ ތެރެއިން އުފެދިގެންދިޔަ ޕީއެންސީންވެސް ބުނީ ސަރުކާރު ޒިންމާދާރުކުރުވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ދެމިއޮންނާނެކަމަށެވެ. ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ. ނަމަވެސް ބުނި ބަހާއި ކުރި އަމަލާއި ދިމާވެފައިވަނީ ކިހާ މިންވަރަކަށްތޯ މިވަގުތު ވަޒަންކޮށްލުމަކީ މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީން 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހޯދީ ވަރުގަދަ ސުޕަރ މެޖޯރިޓީއެކެވެ. އިދިކޮޅު ސިޔާސީ ޕާޓީކަމަށް ޕީޕީއެމް އަދި ޕީއެންސީއަށް ލިބުނީ ޖުމްލަ އެންމެ ފަސް ގޮނޑިއެވެ. މި ފަސް މެންބަރުންނަށްވުރެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުންވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަވެގެންދެއެވެ.

ފާއިތުވެގެންދިޔަ ދެ އަހަރުގައި ސަރުކާރުގެ ތެރޭގައި ހުރި ގިނަ މައްސަލަތައްް ފެންމަތިވެގެންދިޔައެވެ. އެހެނަސް އެކަންކަމާ މެދުގައިވެސް އިދިކޮޅު ޕްރޮގްރެސިވްް-ކޮންގްރެސް ކޯލިޝަނަށްވީ އެންމެ ބޮޑު ކަމަކީ ބަޔާނެއް ނެރެ، ޕްރެސް ކޮންފަރެންސެއް ބާއްވާލުމެވެ. ދޭތެރެއިން ޕީޕީއެމް އޮފީހުގެ ކުރިމައްޗަށް އެކްޓިވިސްޓުން އެއްކޮށްލައިގެން އިހުތިޖާޖެއް ކޮށްލައެވެ. އެކަމަކު މީހުންނާއި ފޯރީގެ ނިސްބަތުން ބަލާނަމަ، ޕާޓީގެ ހަރަކާތްތައް ރާއްޖޭއަށް ފުޅާކުރެވޭތަނެއް ނުފެނެއެވެ. ކޮވިޑް19 އާއި ގުޅިގެން މާލެގައި އެއްނުވެވުނުކަމުގައި ވީނަމަވެސް ރާއްޖޭގެ ރަށްރަށުގައި ހަރަކަތްތައް ހިނގައި ހެދުމުގެ ފުރުސަތު އެބައޮތެވެ. ދޭތެރެއިން ރެލީތައް ނުބާއްވައޭ އަޅުގަނޑެއް ނުދަންނަވާނަމެވެ.

ރައީސް ޔާމީން ޖަލަށްލުމާއެކު ޕީޕީއެމް އަދި ޕީއެންސީގެ މައިގަނޑު ފޯކަސްއަކަށްވެފައި އޮތީ އެމަނިކުފާނު މިނިވަން ކުރުމެވެ. ރައީސް ޔާމީން ހުންނެވި ހާލަށްވުރެ މާ ދަތިކޮށް ހުންނެވި އާންމުންގެ ހާލަތާ މެދު މާބޮޑު އަޅާލުމެއް ނެތެވެ. ދުރުން ބަލާ މީހަކަށް މިއީ އެމެރިކާ ނޫނީ އިންޑިއާގެ މަޝްހޫރު ކަލްޓެއް ބާވައޭވެސް ބައެއް ފަހަރަށް ހިތަށް އަރާފާނެއެވެ. މި ދެންނެވީ ސަރުކާރުގެ ކޯލިޝަންގައި ވަކި ކަލްޓްކަން ކުޑަ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް، ޕާޓީ ފިކުރަށްވުރެ ކަލްޓް ޕާޓީ ނުވަތަ ވަކި މީހެއްގެ ފިކުރަށް ބުރަވާތަނަކީ އާންމުކަމެކަކަމަށް މިވަނީ ވެފައެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، ހަގީގަތުގައި އިދިކޮޅު ސިޔާސީ ހަރަކާތް ފެންނަމުންދަނީ ވަރަށް ވަނދުކޮށެވެ. ދާދިފަހުން ޕާޓީގެ އެތެރޭގެ ގުނަވަންތަކުގެ ހިންގުންތައް ފެށުނު ނަމަވެސް، ނަތީޖާ ނެރެވޭފަދަ އަމަލެއް އިދިކޮޅަށް މިހާތަނަށް ކުރެވިފައެއް ނުވެއެވެ. އިދިކޮޅު ސިޔާސީ ހަރަކާތަށްވުރެ ސަރުކާރު ޒިންމާދާރުކުރުވުމުގައި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންނާ ޓްވިޓަރގައި ހިޔާލު ފާޅުކުރާ އާންމުންގެ މަސައްކަތް ފާއިތުވި ދެއަހަރު ފާހަގަކޮށްލެވެއެވެ.

ލީޑަރޝިޕަށް މަޤުބޫލު، ޒުވާން މޫނުތަކެއް ނެރެންޖެހިފައިވެއެވެ. 

Advertisement

ކޮމެންޓް