އާކް އެއިޑް މެދުވެރިކޮށް ބީއެމްއެލްގެ އެހީ 5 އަތޮޅެއްގެ ކުދިންނަށް!

16 Nov 2020 | 17:36

ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް އާކް މެދުވެރިކޮށް 5 އަތޮޅެއްގެ ކުދިންނަށް ބީއެމްއެލް އެހީ ދޭން ނިންމައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ބޭންކުން ބުނީ ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް އެ ބޭންކުން 150،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ދަނީ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ، ހދ، މ، ފ، އަދި ދ އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.އަދި މުސްތަގްބަލްގައި އެކި އަތޮޅުތައް މިޕްރޮގްރާމްގައި ހިމެނުމަށް އާކްއިން މަސައްކަތްކުރަމުންދާނެ ބޭންކުން މައުލޫމާތު ދެއެވެ.

މިދިޔަމަހުވެސް ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

ބީއެމްއެލް އިން ދޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ ފަރާތުން މާލެ ސަރަޙައްދުގައި ދިރިއުޅޭ އެހީތެރިކަމަށް ބޭނުންވެފައި ތިބި 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް