ޞާލިހް ސަރުކާރުގެ ދެއަހަރު: އަންހެނުންނަށް ރައްކާތެެރިކަން ކަށަވަރުކޮށް ނުދެވޭ ދެއަހަރު!

17 Nov 2020 | 10:07

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ އަންހެނުންގެ އާބާދީ ގާތްގަނޑަކަށް 201،277 އަށް އަރައެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުންނާއި މުޖުތަމައުގެ ކަންތައްތައް ބިނާވެފައިވާ ގޮތުގެ ސަބަބުން އަންހެނުން ރައްކާތެރިކޮށް ބާރުވެރިކުރުވުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް ގަދަޔަށް އަޑަށް ބާރުލާފައި ދައްކާ ވާހަކައެކެވެ. އެގޮތުން މިހާރު ވެރިކަމުގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުންވެސް ވަނީ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރުގައި، އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

މި ވައުދުތައް ފުއްދުމަށް މިހާތަނަށް އައިއިރު ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ވެރިކަމުގެ ވަރަށް ކުރީކޮޅުގައި މައްސަރުގެ ދުވަސްވަރުގައި ބޭނުންކުރާ ތަކެތީން ނަގަމުންދިޔަ ޓެކްސް، މަޖިލިސް މެދުވެރިކޮށް އުވާލިއެވެ. ސަރުކާރުގެ ވަޒީފާ އަދާކުރަމުންދާ އަންހެނުންނަށް އާއިލީ ޒިންމާތައް އަދާކުރުމުގެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން މެޓާނިޓީ ލީވް ހަމަސް ދުވަހަށް އިތުރުކޮށްދިނެވެ. މީގެ އިތުރުން، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެެރިކުރުން އިތުރުކުރުމުގެ ގޮތުން ގާނޫނަށް ބަދަލުގެނެސް، ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައެޅިއެވެ.

ތެދެކެވެ. މިފަދަ އަމަލުތަކަކީ އަންހެނުން ބާރުވެރިކުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅުތަކެވެ. އެފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ކޮށިގެންދިޔަ މުހިންމު ރާސްތާއެކެވެ. ނަމަވެސް، އަންހެނުންގެ ހަގީގީ ބާރުވެރިކަމަކީ އެފަރާތްތަކަށްވެސް ފިރިހެނުންނެކޭ އެއްފަދައިން ރައްކާތެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްވެގެން ދިއުމެވެ. މިފަދައިން ބަލައިފިނަމަ، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރުކާރުން އިސްކަންދެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ ހިސާބަށް މިވަނީ ގޮސްފައެވެ.

މިސާލެއްގެ ގޮތުން ދެ މައްސަލައެއް ނަގާނަމެވެ. ވަރަށްވެސް ހައްސާސީ ދެ މައްސަލައެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް، އަންހެން ނޫސްވެރިއަކަށް ހަށިގަތުމަށް ރިޝްވަތުގެ ހުށައެޅި މައްސަލައެވެ. މި މައްސަލަ ހިނގުމުން ރަސްމީ އަދި ނުރަސްމީ ގޮތްތަކުންވެސް ސަރުކާރުގެ އިސް ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެވުނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ މެދު އެޅީ ކޮން ފިޔަވަޅެއްކަމެއް ރަސްމީގޮތުން ހާމަކޮށްފައި ނުވާއިރު، ފުލުހުންގެ ތަހުގީގުން މައްސަލައަށް ހެދިގޮތެއްވެސް ނޭނގެއެވެ. ސަރުކާރުގެ އަމަލުތަކާ ބަސްތައް ހުރިގޮތުން ހީވަނީ މި މައްސަލަ ބެލުމުގެ ބަދަލުގައި ފަސްއަޅާ ފޮރުވަން ހިތު ނިޔަތް ގަނެފައިވާ ހެންނެވެ. 

އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އެފަރާތްތައް ބާރުވެެރިކުުރުވުމުގެ ވާހަކަ ސަރުކާރުގެ ފަރާތްތަކުން ޕޯޑިއަމްތަކުގައި އަޑުހަރުކޮށް ދައްކަމުންދާއިރު، މިފަދަ ހަޑި މުޑުދާރު އަމަލުތައް ބަލައި އެކަށީގެންވާ ފިޔަވަަޅު ނޭޅުމުން އެއީ ހިތާމަހުރި ކަމެކެވެ. ރައީސް ޞާލިހްގެ ސަރުކާރަށް ވޯޓުދިން އެތައް ހާސް އަންހެނުންނަށް ކުރެވޭ ބޮޑު ބޭއިޚްތިރާމެކެވެ. އަންހެނުންގެ ހަގީގީ ބާރުވެރިކަމަކީ އެފަރާތްތަކަށް އަބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ތަނަވަސްވެގެން ދިއުމެވެ.

ދެން އޮތީ މިއަހަރުގެ ތެރޭގައި ހުޅުމާލޭގެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ އަދި/ނުވަތަ ރޭޕްކުރަން އުޅުނު މައްސަލައެވެ. މި މައްސަލަ ފެންމަތިވީއްސުރެ މިއަދާއި ހަމައަށްވެސް އިވެމުންދަނީ އެންމެ ވާހަކައެކެވެ. މައްސަލައިގައި ތުހުމަތުކުރެވޭ ނުފޫޒުގަދަ ފަރާތްތަކެއްގެ ސަބަބުން އިންސާފަށް ހުރަސް އެޅިފައިވާ ވާހަކައެވެ. މިހާތަނަށް ފުލުހުންގެ އަަމަލާއި ބަސްތަކުންވެސް ފެންނަނީ ހަމަ މިކަންތައްތަކެވެ. "ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި މާކެޓްކުރާ ރާއްޖޭގައި ބިދޭސީ އަންހެނަކަށް ވީތީ އިންސާފުން މަހުރޫމްވުމަކީ ކިހާ ލަދުވެތިކަމެއް ތޯއެވެ؟ މިއީ އެއްވެސް ހާލަތެއްގައި ވަރިހަމަ ވެގެން ހުރެވޭނެފަދަ ކަންތައްތަކެއްވެސް ނޫނެވެ.

ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ އެފަރާތްތައް ބާރުވެރިކުރުވުމުގެ ވައުދާ އެކުގައެވެ. މި ސަރުކާރުވެސް އައީ ހަމަ އެފަދައިންނެވެ. އެހެނަސް ފެންނަމުންދާ މަންޒަރަކީ އަބުރުވެެރި ދިރިއުޅުމެއްގެ އުފާވެރި ހައްގު ކަށަވަރުކޮށް ނުދެވޭ ކަމެކެވެ. އިންސާފުގެ ތެރެއަށް ނުފޫޒު ވަދެފައިވާ ކަމެކެވެ. މި ދެ އަހަރަކީ އަންހެނުންނަށް ރައްކާތެެރި އަހަރުތަކެއްތޯ ސުވާލު އުފެދެނީ މިހެންވެއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement