ވެކްސިން ދިނުމަކީ އިސްލާމްދީން ބާރުއަޅާކަމެއް: ހުކުރު ޚުތުބާ

20 Nov 2020 | 17:51

ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ އިސްލާމްދީން ބާރުއަޅާކަމެއްކަމަށް މިއަދުގެ ހުކުރު ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގެ މައުޟޫއުއަކީ އިސްލާމްކަމުގެ ނިއުމަތެވެ.

ޚުތުބާގައިވާ ގޮތުގައި އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފް ފިކުރުތަކާ މައުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. އެގޮތުން އެބައިމީހުން ގަބޫލުކުރާ ގޮތްތަކާ ފިކުރަށް ތަބާނުވާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ކަނޑައަޅައި މަރުހުއްދަ ކުރާ ކަމަށާއި، އެ ފިކުރުތަކަށް އަމަލުނުކުރާ ސަރުކާރަކީ ތާޣޫތު ކަމުގައި ނިންމާކަމަށެވެ. އަދި އެމީހުން އުޅޭ ބިމަކީވެސް ކުފުރުގެ ބިމެއްގެ ގޮތުގައި ކަނޑައަޅާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަންހެންކުދިންނަށް ކިޔަވައިދިނުމަކީ މި ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭ ގޮތުގައި ހުއްދަކަމެއް ނޫންކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މި ޚުތުބާގައި އިތުރަށް ބުނީ ދަރިންނަށް ވެކްސިން ދިނުމަކީ އެ މީހުން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، ނަމަވެސް ބަލިވުމުން އެމީހުންގެ ކުދިން ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށް ކަމަށް ވަނީ ބުނެފައެވެ. އެހެނަސް އަންހެން ކުދިންނަށް ކިޔަވައި ނުދޭނަމަ އަންހެން ޑޮކްޓަރުންނާ ޓީޗަރުންނާ ތަފާތު ފަންނުތަކުގެ ހުނަރުވެރި ކަނބަލުން ހޯދާނީ ކޮންތަނަކުންތޯ ވަނީ ސުވާލު އުފައްދާފައެވެ.

ޚުތުބާގައިވަނީ އިސްލާމްދީނުގައި އިލްމު އުނގެނުމަކީ ދެ ޖިންސަށްވެސް ވާޖިބުކަމެއް ކަމަށާއި، ބަލިވުމުން ބޭސްފަރުވާ ކުރުމާއި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ އިސްލާމްދީން ބާރުއަޅާކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement