2021ވަނަ އަހަރަަަަަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑީ ދަރަނި އަދާކުރަން ޖެހޭތީ ހެއްޔެވެ؟

22 Nov 2020 | 08:45

ފިނޭންސް މިނިސްޓްރީއިން 2021 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ދަރަނީގެ ވާހަކައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުފެއިވާގޮތުގައި 2021ވަނަ އަހަރުގެ ބަޖެޓުގައި ދައްކަންޖެހޭ ދަރަނި ބޮޑުކަމުން މާމަގެ ގަހަނާކޮޅު ވިއްކާލިނަމަވެސް މިދަރަނިތައް އަދާ ނުކުރެވޭނެކަމަށް ސިފަކޮށްފައެވެ. އަދި ދަރަނީގެ އަދާކުރުމަށްޓަކައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީގެ %53 ހޭދަކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް 2021ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައިވާ ބަޖެޓު ރިޕޯޓުގައިވާގޮތުން ބަޖެޓުގެ އެންމެ ބޮޑު ބައެއް ބޭނުންކުރާނެކަމަށް އަންދާޒާކޮށްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި %25.3 އެވެ. ދަރަނި އަދާކުރުމާއި ދަރަނީގެ ޚިދުމަތުގެ ހަރަދުގެ ގޮތުގައި ހޭދަކުރަނީ ބަޖެޓުގެ %11.6 އެވެ.

ޗާޓު: ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރިޕޯޓުން

މިއަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ ޖުމްލަ 33.3 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އެހެން ގޮތަކަށް ބުނާނަމަ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ 15.5 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރުން ކަނޑައަޅާފައިވާ ބަޖެޓެކެވެ.


ބަޖެޓުގެ ބޮޑުބައި ހޭދަވާ މުވައްޒަފުންގެ ޚަރަދުތައް އާ މުއައްސަސާތަކުގެ ސަބަބުން އިތުރުވުން

2021ވަނަ އަހަރަށް މުވައްޒަފުންނަށް ހިނގާނެ ހަރަދުކަމަށް އަންދާޒާކޮށްފައިވަނީ 8،415.3 މިލިއަން ރުފިޔާއެވެ. އަދި މިއީ 2020ވަނަ އަހަރަށްވުރެ 3.4 އިންސައްތަ އިތުރުވުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުންނަށް ހިނގާ ޚަރަދު އިތުރުވާ މައިގަނޑު ސަބަބުތައްކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އަލަށް ހަދާ ޤާނޫނުތަކުން ލާޒިމުކުރާ މަޤާމުތަކާއި މުއައްސަސާތައް އިތުރުވުމެވެ. އެގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސްއާއި ޗިލްޑްރަންސް އޮމްބަޑްޕަރސަންސް އޮފީހާއި، ބާ ކައުންސިލާއި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އާއި ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީފަދަ އިދާރާތަކަކީ އަލަށް އުފައްދާފައިވާ އިދާރާތަކެވެ.

ކޮވިޑް 19އާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައިވާ ދުވަސްވަރެއްގައި އަލަށް އުފައްދާ އިދާރާތަކާއެކު ސިޔާސީ މަޤާމުތައް އިތުރުވެފައިވާތީ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.


ދަރަނި ސާރވިސްކުރުމުގެ ޚަރަދުތައް 2020ވަނަ އަހަރު ވިއްކާ ބޮންޑުގެ ސަބަބުން އިތުރުވުން

ދަރަނި އަދާކުރުމާއި ދަރަނީގެ ހިދުމަތުގެ ހަރަދުގެ ގޮތުގައި ހޭދަވާނެކަމަށް އަންދާޒާކޮށްފައިވަނީ ޖުމްލަ 4،040.3 މިލިއަން ރުފިޔާއެވެ. އެއީ ދަރަނި އަދާކުރުމަށް 1،469.9 މިލިއަން ރުފިޔާ އަދި ދަރަނީގެ ޚިދުމަތުގެ ޚަރަދުގެ ގޮތުގައި 2،562.4 މިލިއަން ރުފިޔާއެވެ.

ދަރަނި އަދާކުރުމަށް 1،469.9 ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާއިރު ފާހަގަވާ އެއްކަމަކީ މިއަށްވުރެ ބޮޑެތި ޢަދަދުތައް ދަރަނި އަދާކުރުމަށްޓަކައި ފާއިތުވެދިޔަ ބައެއް އަހަރުތަކުގައި 2021ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓުތަކުން ޚަރަދުކޮށްފައިވާކަމެވެ. އެގޮތުން 2017ވަނަ އަހަރު ދަރަނި އަދާކުރުމަށް 2،404.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު 2018ވަނަ އަހަރު ދަރަނި އަދާކުރުމަށް 1،632.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޗާޓު: ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރިޕޯޓުން

އެހެންނަމަވެސް 2021ވަނަ އަހަރަށް އަންދާޒާކުރާ ބަޖެޓުގައި ދަރަނީގެ ޚިދުމަތުގެ ޚަރަދު ވަރަށް ބޮޑުކަން ފާހަގަވެއެވެ. ދަރަނި ސާރވިސްކުރުމުގެ ޖުމްލަ ޚަރަދު 2020ވަނަ އަހަރަށްވުރެ %41.7 އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ. އަދި މި ރިޕޯޓުގައިވާގޮތުގައި ބޭރުގެ ދަރަނި ސާރވިސްކުރުމުގެ ޚަރަދު އިތުރުވާ މައިގަނޑު ސަބަބަކީ 2020ވަނަ އަހަރު އިތުރަށް ވިއްކުމަށް ހަމަޖެހިފައިވާ ބޮންޑުތަކަށް ވިއްކަންޖެހޭ ކޫޕަން ޕޭމަންޓް 2021ވަނަ އަހަރު ދައްކަންޖެހުމެވެ. އަދި 2021ވަނަ އަހަރު ވިއްކުމަށް ހަމަޖެހިފައިވާ ބޮންޑާއި ސުކޫކުގެ ސަބަބުންވެސް ދަރަނި ސާރވިސްކުރުމުގެ ޚަރަދު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ދަރަަަަަަަަނި ސަރވިސްކުރުމުގެ ހަރަދުގެ ގޮތުގައި 2021ވަނަ އަހަރުގެ ބަޖެޓުގެ %11.6 ކަނޑައަޅާފައިވާއިރު، މިއީ 2020ވަނަ އަހަރަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވާ އަދަދަކަށްވީނަމަވެސް ފާއިތުވި ބައެއް އަހަރުތަކުގެ ބަޖެޓުގައި ދަރަނި އަދާކުރުމާއި ދަރަނީގެ ޚިދުމަތުގެ ހަރަދަށް މިއަށްވުރެ ބޮޑު އިންސަންތަ ކަނޑައަޅާފައި އެބަ ހުއްޓެވެ.

Advertisement

ކޮމެންޓް

Advertisement