ދަގަނޑޭއަށް ވޯޓުލުމުގެ ފުރުސަތު މިއަދު މެންދުރު އެކެއް ޖަހާއިރަށް ހަމަވާނެ، އަވަހަށް ވޯޓްދެއްވާ!

22 Nov 2020 | 08:33

އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ "އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް"ގެ ސެމީ ފައިނަލްގައި ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަށް ވޯޓުލުމުގެ ފުރުސަތު ރާއްޖެ ގަޑިން މިއަދު މެންދުރު އެކެއް ޖަހާއިރު ހަމަވާނެއެވެ.

ސަޕޯޓަރުންގެ މެދުގައި ވޯޓު ނަގައިގެން އެއްވަނަ ހޮވާ މި ޗެލެންޖްގެ ސެމީ ފައިނަލަށް އޭނާ ދަތުރުކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ކުޅުންތެރިއެއް ބަލިކުރުމަށް ފަހުގައެވެ. އެ ބުރުން އޭނާ މޮޅުވެފައިވަނީ ފުދޭވަރެއްގެ ހަނި ތަފާތަކުންނެވެ.

މިހާރު ކުރިއަށްދާ ސެމީގެ ބުރުގައިވެސް ދަގަނޑޭއާއި ވާދަކުރަނީ ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ކުޅުންތެރިއެކެވެ. މި ބުރުގެ ވޯޓުލުން ނިމޭނީ މިއަދު ރާއްޖެ ގަޑިން މެންދުރު އެކެއް ޖަހާއިރުގައެވެ. މިވަގުތު ވޯޓުގައި ކުރީގައި ދަގަނޑޭ އޮތް ނަމަވެސް މި ލީޑް ފުޅާކޮށް މޮޅުވުން ކަށަވަރުކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުދިނުމަކީ މުހިންމު ކަމެކެވެ. ބެލެވޭ ގޮތުގައި ވިއެޓްނާމްގެ ހަނޯއީ އެފްސީން ރާއްޖޭގެ ސަޕޯޓަރުންނަށް ރަނގަޅު ފައިޓެއް ދޭނެއެވެ.

މި މުބާރާތުގައި އެއް ފަހަރަށްވުރެ ގިނައިން ވޯޓުދެވޭނެއެވެ.

މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރަނީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ. ދަގަނޑޭއަށް ވޯޓުދެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާށެވެ.

Advertisement

ކޮމެންޓް