އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފި

22 Nov 2020 | 14:48

އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ "އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް"ގެ ފައިނަލަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

ސަޕޯޓަރުންގެ މެދުގައި ވޯޓު ނަގައިގެން އެއްވަނަ ހޮވާ މި ޗެލެންޖްގެ ފައިނަލަށް އޭނާ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ކުޅުންތެރިއެއް ބަލިކުރުމަށް ފަހުގައެވެ. އެ ބުރުން އޭނާ މޮޅުވެފައިވަނީ ވޯޓްގެ 54.68 އިންސައްތަ ހޯދައިގެންނެވެ. ފައިނަލްގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ޗާން ސިއު ކީ ކިޔާ ހޮންގކޮންގގެ ކުޅުންތެރިއަކާ އެވެ.

މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރަނީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ. 

މި ޗެލެންޖްގެ ހުރިހާ ބުރެއްގައިވެސް ދަގަނޑޭއަށް ވޯޓް ހޯދުމަށް ދިވެހިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސެމީ ފައިނަލްގެ ބުރުގައި ދަގަނޑޭއަށް ވޯޓު ދޭން އެދި ފުލުހުންވެސް ވަނީ ޓްވީޓްކޮށްފައެވެ.

Advertisement

ކޮމެންޓް