ދޯންޏެއްގައި ޒުވާނަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ

23 Nov 2020 | 05:27

ހުޅުމާލޭ ކަންނެލި ޖެޓީގައި އަޅައިފައި އޮތް ދޯންޏަކަަށް އަރައި އެ ދޯނީގައި ހުރި މީހަކަށް އަނިޔާކުރި ކަމަށް ބުނެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ އެދާރާއިން ބުނެފިއެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މި ނިމުނު ހަފްތާގެ ބުރާސްފައި ދުވަހުގެ ރޭ 19:25 ހާއިރު ކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާކޮށްފައިވާ މީހާގެ ދެއަތާއި ދެފައި ބަނދެ ތައްޓުމައްޗަށް ވައްޓާލައި 10 ވަރަކަށް މީހުން ވެގެން އެކި ގޮތްގޮތަށް އަނިޔާކުރެއެވެ.އަދި ބައެއް މީހުން އޭނާގެ ގައިގައި ކޮޅުފައިން ތެޅިއިރު އަނެއް ބަޔަކު ދަގަނޑާއި ހޮޅިބުރިން ވެސް ތެޅި މަންޒަރު ވީޑިއީއިން ފެނެއެވެ.

ވަށައިގެން ތިބި މީހުންގެ ތެރެއިން ބައެއް މީހުން އެމީހާއަށް އަނިޔާކުރަމުން ދިޔަ އިރު އެކަމަށް ހިތްވަރުދީ ބައެއް މީހުން ވާހަކަ ދައްކާ އަޑު އިވެއެވެ.ނަމަވެސް އެއްވެސް މީހަކު އެމީހާއަށް ކުރަމުންދާ އަނިޔާ ހުއްޓުވައި އެމީހާ ސަލާމަތްކުރަން މަސައްކަތްކުރާ ތަނެއް ފެނިފައި ނުވެއެވެ.

ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގެ ތެރޭގައި މިކަން ހިނގި އިރު، އޭނާ ވަށައިގެން ތިބި މީހުން ވަގަށް ނެގި ތަކެއްޗާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ވީޑިއޯގައި އިވޭ ގޮތުގައި ދޯނިން ތިން ފޯނާއި 5،000ރ. ވަގަށް ނަގާފައިވެއެވެ. އެކަމަކު އެ މީހާ ދިިޔައީ ވައްކަން ނުކުރާ ކަމަށް ބުނަމުންނެވެ.

Advertisement

ކޮމެންޓް