ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކޮށްފި

23 Nov 2020 | 12:16

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސްފިއެވެ.

ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދައިދެވިފައެވެ. މި ގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފައެވެ. މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ވިދާޅުވީ "އއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް. ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފަ. ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރުވެސް ބޭނުންވޭ. ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ."

ބީއެމްއެލްގެ މެނޭޖަރ ޕްބިލްކ ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ " ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް އަޅުގަނޑުމެން އެހީފޯރުކޮށްދޭ އަދި ހަމައެހެންމެ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ. މި ޕްރޮޖެކްޓުގެ ދަށުން މިވަނީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންން ބޭނުންކުރާނެ ފޮތް ހޯދައިދެވިފަ. ފޮތްތަކުގެ އިތުރުން ލައިބްރަރީ އަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން."

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދެވިފައިވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement