Advertisement

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރަށްވެސް ރިޒާވްއާއި ދަރަނި އޮޅިއްޖެ

27 Nov 2020 | 14:42

ހޯރަފުށީ އެއަރޕޯޓު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި އެއްވެސް ލާރިއެއް ނެތެވެ. ހުރީ 250 މިލިއަން އެމެރިކާ ޑޮލަރެވެ.

ރައީސްގެ މި ވީޑިއޯކޮޅު ސޯޝަލްމީޑިއާގައިވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ. އަދި ހަމަ މިއާއެކު މިއަދަދާއި ހިލާފަށް ދައުލަތުގެ ރިޒާވްގައި ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު 757.8 އެމެރިކާ ޑޮލަރު ހުރިކަމަށް 2019ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވާ އެހެން ވީޑިއޯއެއް ދައުރުވާން ފެށިއެވެ. 2019ވަނަ އަހަރުގެ އެމް.އެމް.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުގެ ޖުމްލަ ރިޒާވްގައި 2018ވަނަ އަހަރު ނިމުންއިރު ހުރީ 757.8 ޑޮލަރެވެ.

މިވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއް ކަމަށްވާ އެގެޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އަންވަރު ވަނީ އެބޭފުޅާގެ ޓްވީޓާއާއި ފޭސްބުކްގައި ލިޔެފައެވެ. އެހެންނަމަވެސް ދައުލަތުގެ ރިޒާވްގެ ވާހަކަ ދައްކަވަމުން ބޭނުންކުރައްވާފައިވާ ގްރާފަކީ ދައުލަތުގެ ދަރަނި ދައްކުވައިދޭ ގްރާފެކެވެ. މި ގްރާފަކީ ފިނޭންސް މިނިސްޓްރީއިން 2021ވަނަ އަހަރަށް މަޖިލީހަށް ހުށައެޅި ބަޖެޓް ރިޕޯޓުގެ 109ވަނަ ޞަފްހާގައި ފާއިތުވި އަހަރުތަކާއި ކުރިއަށްހުރި އަހަރުތަކަށް ލަފާކުރާ ދަރަނި ދައްކުވައިދޭން ބޭނުންކޮށްފައިވާ ގްރާފެކެވެ.

އަހްމަދު އަންވަރު ފޭސްބުކްގައި ލިޔެފައިވާ ލިޔުން

އަހްމަދު އަންވަރު ލިޔެފައިވާ ގޮތުގައި 2018ވަނަ އަހަރު ނިމުންއިރު ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރިނަމަވެސް ބޭނުންކުރެވެން ހުރީ އެންމެ 281 މިލިއަން ޑޮލަރެވެ. މީގެ އިތުރުންވެސް ލިޔެފައިވާ ގޮތުގައި 2019ވަނަ އަހަރު ރާއްޖޭގެ ރިޒާވް 753.3 މިލިއަން ޑޮލަރަށް އިތުރުވިއިރު، ޔޫޒަބަލް ރިޒާވްވަނީ 315.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި މިއީ 2012ވަނަ އަހަރުގެ ފަހުން ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރެވެ.

އަހްމަދު އަންވަރު މިގޮތަށް ލިޔެފައިވީނަމަވެސް އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ފެންނަގޮތުގައި 2012ވަނަ އަހަރުން ފެށިގެން ޔޫޒަބަލް ރިޒާވް އައީ ކޮންމެ އަހަރަކުހެން މަތިވަމުންނެވެ. އަދި 2013ވަނަ އަހަރު 1،705.7 މިލިއަން ރުފިޔާ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރިނަމަވެސް 2018ވަނަ އަހަރު ނިމުންއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި 4،327.9 މިލިއަން ރުފިޔާ ހުއްޓެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބު (ޖެނުއަރީ 2019)


Advertisement

ކޮމެންޓް