Advertisement

ނެތަންޔާހޫ ސައުދީ ވަލީ އަހުދާއި ބައްދަލުކުރިކަމަށް ރިޕޯޓްކޮށްފި

23 Nov 2020 | 21:49

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މެދުގައި ސިއްރު ބައްދަލުވުމެއް ބާއްވައިފިކަމަށް އިޒްރޭލްގެ މީޑިޔާތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.

އިޒްރޭލްގެ ސިފައިންގެ ރޭޑިއޯ އަދި އެގައުމުގެ މަޝްހޫރު ހާރެޓްޒް ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި، ރަތް ކަނޑުގެ އައްސޭރީގައި ސައުދީން ތަރައްގީކުރަމުންދާ އާ ޝަހަރު ކަމަށްވާ ނިއޯމްގައެވެ. މި ބައްދަލުވުމުގައި ނެތަންޔާހޫ، ސައުދީ ވަލީ އަހުދުގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަދި އިޒްރޭލްގެ ޖަސޫސީ އިދާރާކަމަށްވާ މޮސާޑްގެ އިސްވެރިޔާ ބައިވެރިވެ ވަޑައިގެންނެވިކަމަށްވެއެވެ.

ހާރެޓްޒް ނޫހުން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ވަގުތެއްގައި އިޒްރޭލްގެ ވެރިރަށް ތެލް އަވީވުން ފުރައިގެން، ނިއޯމްއަށް ޕްރައިވެޓް ޖެޓެއް ދަތުރުކުރިކަން ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ފެނިގެންދެއެވެ. މި ޖެޓް ވަނީ ނިއޯމްގައި ދެ ގަޑިއިރު ވަރު ހޭދަކޮށްފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިޒްރޭލް، ސައުދީ އަރަބިއްޔާ އަދި އެމެރިކާގެ ކަމާގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އިޒްރޭލްގެ ސިފައިންގެ ރޭޑިއޯއަށްް އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރ އަދި ވެރިކަންކުރާ ލިކޫޑް ޕާޓީގެ އިސްވެރިއެއްކަމަށްވާ ޔޮއާވް ގަލަންޓް ވަނީ މި ބައްދަލުވުން ހިނގައިދިޔަކަން ޔަގީންކޮށްދީފައެވެ. އަދި މިއީ ވަރަށް ތާރީޚީ ބައްދަލުވުމެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކޮށްދީފައެވެ.

މިއަހަރުގެ ތެރޭގައި އެމެރިކާގެ އިސްނެގުމުގެ ދަށުން މެދުއިރުމަތީގެ ބައެއް ގައުމުތަކުން ދަނީ އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ގާއިމްކުރަމުންނެވެ. ސައުދީ އަރަބިއްޔާއިން ވަނީ އިޒްރޭލާއި އެކު މިފަދައިން ގުޅުންތައް ގާއިމްކުރާނީ ފަލަސްތީންގެ މައްސަލައަށް ދެމެހެއްޓެނިވި އަދި އަމާން ހައްްލެއް ލިބުމުންކަމަށް މީގެ ކުރިން ބުނެފައެވެ. ނަމަވެސް ނެތަންޔާހޫ އަދި އެމްބީއެސްގެ މި ބައްދަލުވުމާއި އެކު ސައުދީ އަރަބިއްޔާއިން އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ގާއިމް ކޮށްފާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ބެލެވޭ ގޮތުގައި ސައުދީން އިޒްރޭލާއި އެކު ރަސްމީ ގުޅުން ގާއިމްކޮށްފިނަމަ ގިނަ މުސްލިމް އެހެން ގައުމުތަކުންވެސް އެފަދައިން އަމަލުކުރަން ފަށާނެއެވެ. އެކަމަށް ފާޅުގައި ދެކޮޅު ހަދާނެކަމަށް ބެލެވެނީ އިރާން، ތުރުކީ އަދި ގަތަރެވެ.

މަސްދަރު: އަލްޖަޒީރާ، ހާރެޓްޒް އަދި ރޮއިޓާސް

Advertisement

ކޮމެންޓް