"އައި މިސް ޔޫ އެޓް ފަޖްރު."

26 Nov 2020 | 18:50

ﷲ ގެ ހެޔޮ ރަޙްމަތްފުޅުން، އަހަންނަށް ލޯބި ލޯބި ފިރިހެންކުއްޖަކު ލިބުނީ މިދިޔައަހަރުއެވެ. ވިހެއުމަށްފަހު އަހަރެންގެ ޒިންމާތައް އިހުނަށްވުރެން އެތައް ގުނައެއް އިތުރުވެގެންދިޔައެވެ. ސިޒޭރިއަންގެ ސަބަބުން އަހަންނަށް ސިއްޙީގޮތުން ކުރިމަތިލާންޖެހުނު އުނދަގުލާއި ވޭންތައް ވީ، އަހަރެންގެ ޒިންމާތަކުގެ ތެރެއަށް އިތުރުވީ ބޮޑު ބުރައަކަށެވެ. އެޙާލުގައިވެސް އަހަރެން ދިރިއުޅުމާއިގެން ކުރިޔަށްދާން މަސައްކަތްކުރީމެވެ. ފިރިމީހާއަށް ދޭންޖެހޭ ވަގުތު ދެވޭތޯ ބެލީމެވެ. ދަރިފުޅަށް އަޅާލެވޭތޯ ބެލީމެވެ. އޭގެ އިތުރުން، ހެއްދެވި ފަރާތަށްޓަކައި އަހަރެން އަދާކުރަންޖެހޭ ޙައްޤުވެސް، ކުރިޔެކޭވެސް އެއްގޮތަށް އަދާކުރެވޭތޯ މަސައްކަތްކުރީމެވެ.

އެންމެ ކަމެއް ފިޔަވައެވެ. އަހަންނަށް ފަތިސް ނަމާދަށް ހޭނުލެވެނީއެވެ. ދަރިފުޅަށް ގާތުން ދޭންޖެހޭތީ ނިދާ ވަގުތުތައް އޮޅުންބޮޅުންވެފައިވުމާއި، މުޅިދުވަހުގެ ވަރުބަލިކަމާހުރެ، އަހަންނަށް ފަތިސް ނަމާދަށް ހޭލެވޭގޮތެއް ނުވެއެވެ. އިސާހިތަކު ފަތިސް ނަމާދު އަޅާފައި ނިދުމަކީ އަހަރެންގެ އާދައަކަށްވެސް ވެއްޖެއެވެ. އަދި ފަތިސް ނަމާދު ނުކުރެވޭތީ މުޅި ދުވަހުގައި އަހަރެން ގެ މޫޑު ހުންނަނީ ޚަރާބުވެފައެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ ރުޅިގަދަވެފައެވެ. ކޮންމެވެސް ޝަކުވާއެއް ކުރަންޖެހިފައެވެ. ކިތަންމެ ކުޑަކުޑަ ކަމެއް ކުރުންވެސް އަހަންނަށް ބޮޑު ފަރުބަދައަކަށް އެރުމާއި އެއްފަދައެވެ. ދުވާލުދާ ހަތަރުދަން ހޭދަވެގެންދަނީ މިފަދަ ނުތަނަވަސްކަމަކާއެކުއެވެ.

އެކަމަކު އަހަރެންގެ ލޯބިވާ ފިރިމީހާއަކީ އޯގާތެރި، ޚުލްޤު ހެޔޮ މީހެކެވެ. ކޮންމެ ދުވަހަކު ފަތިހާ ހޭލައެވެ. ފަތިސް ނަމާދުކޮށް، ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް އަހަރެން ނިދާފައި އޮންނަން ދޫކޮށްލަނީ އަހަރެން އުޅެމުންދިޔަ ތަރުތީބެއްނެތް ދިރިއުޅުން ފެނިފައެވެ. އަހަންނަށް އެނޫން ވަގުތެއްގައި ހަމަ ނިދި ނުލިބޭނޭތީ، އަރާމުކޮށް ނިދާލުމުގެ ފުރުޞަތު ދިނުމަށްޓަކައެވެ.

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދިޔައެވެ. ހަފްތާތައް މަސްދުވަހަށް ބަދަލުވެގެން ދިޔައިރުވެސް، އަހަރެން ނިންޖާއި ކުރަމުންދިޔަ ހަނގުރާމައަށް ބަދަލެއް ނައެވެ. އިރު އެރުމުގެ ކުރިން ފަތިސް ނަމާދަށް ހޭލުން ވެގެންދިޔައީ އަހަންނަށް ނުހަނު އުނދަގޫ ކަމަކަށެވެ.

އެއްދުވަހެކެވެ. ހެނދުނުގެ ސަޔަށްފަހު، އާދައިގެ މަތިން ފިރިމީހާ އޮފީހަށް ގެންދިޔުމަށްޓަކައި ކާތަކެތި ޕެކްކޮށް، އެދަބަސް އޭނާއާއި ޙަވާލުކުރީމެވެ. އެ ދަބަސް ހިފައިގެން ގޭގެ ދޮރާއި ހަމަޔަށް ގޮސްފައި، އޭނާ އެނބުރިލިއެވެ. އަދި ސީދާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓުމަށްފަހު ލަސްލަހުން ވާހަކަދެއްކިއެވެ. އޭނާގެ ބަސްތައް ޚިޔާރުކުރަމުންދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައި ކަހަލައެވެ.

"ކީއްވެ މިހާރު ފަތިސް ނަމާދަށް ނުހޭލަނީ؟"

މިހާ ކުއްލިގޮތަކަށް މި މަޢުޟޫއާއި ގުޅޭގޮތުން އޭނާގެ އަނގައިން ނުކުތް ބަސްތަކުން އަހަރެން ކުޑަކޮށް ޙައިރާންވިއެވެ. ހިނދުކޮޅަކަށްފަހު ޖެހިލުންވުމަކާއެކު އަހަރެން ޖަވާބުދިނީމެވެ.

"ނޭނގޭތަ؟ މުޅި ރޭގަނޑު ހޭލާ ހުންނަންޖެހޭތީ ވަރަށް ވަރުބަލިވޭ. ކޮންމެ ދެގަޑިއަކުން ދެގަޑިއަކުން ދަރިފުޅަށް ބުއް ދޭން ހޭލަންޖެހޭ. މުޅި ރޭނގަނޑުން ކިރިޔާ ދެތިން ގަޑިއިރު މި ނިދެނީ. ހޭލާއިރުވެސް ހުންނަނީ އެހާ ވަރުބަލިވެފަ."

އެވަގުތު ފިރިމީހާގެ މޫނުގެ ކުލަވަރު ބަދަލުވިތަން އަހަރެން ދުށީމެވެ.

"އައި މިސް ޔޫ އެޓް ފަޖްރު."

އެހާ މަޑުމަޑުން ބުނެލި ބަސްތަކުން އަހަރެންނަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. ކަންފަތަށް އެ ބަސްތައް އަޑުއިވިގެންދިޔައީ ހޮނުގުގުރިއެއްހާ ތޫނުކޮށެވެ. އަހަރެންގެ ފިރިމީހާއަކީ ދުވަހަކުވެސް މިހާ ތިލަކޮށް އޭނާގެ އިހުސާސްތައް ބުނެދިން މީހެއްނޫނެވެ. ނަމަވެސް މިއަދު ނުހަނު ލޯތްބާއެކު އެ ބުނެލި ބަސްތަކުން އަހަންނަށްޓަކައި އޭނާ އަޅާލާ މިންވަރު ކިތަންމެހާވެސް ރަނގަޅަށް އިޙުސާސްކުރެވުނެވެ. އަހަންނަށްޓަކައި އެ ހިތުގައި ވީ އިޚުލާޞްތެރި ލޯބި އިޙުސާސްކުރެވުނެވެ. އެންމެ މުހިންމު ކަމަކަށް، ހަޤީޤަތުގައިވެސް އަހަންނަށް މި ކުރެވެމުން އައީ ކިހާބޮޑު ނުބައިކަމެއްކަން އިޙުސާސްކުރެވުނެވެ.

އަހަންނަށް ކަންފަސޭހަކޮށްލެވުނީއެވެ. ދުވަހުގެ އެންމެ މުހިންމު ވަގުތު ފަހަނައަޅާދާއިރުވެސް، އެކަން އިހުސާސް ނުކުރެވޭ މިންވަރަށް ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ގެއްލި ހުސްވެވުނީއެވެ. އަދި ވަރުބަލިކަމާއި ޒިންމާތައް އަދާކުރުމަކީ އޭގެ ބަހަނާއެއްކަމަށް ހެދުނީއެވެ. އެދުވަހު އަހަރެން އަމިއްލަ ނަފްސަށް ވަޢުދެއް ކުރީމެވެ. ކިތަންމެ ވަރުބަލި ވިޔަސް، ފަތިސްނަމާދު ވަގުތުގައި އެ ނަމާދު ކުރުމަށް ޢަޒުމް ކަނޑައެޅީމެވެ. އަދި އެނދުން ވައްޓާލައިގެން ނަމަވެސް އަހަރެން ނަމާދަށް ހޭލައްވައިދިނުމަށް ފިރިމީހާގެ ގާތުން އެދުނީމެވެ.

އަލްޙަމްދުލިﷲ. އެ ދުވަހަށްފަހު ފިރިމީހާގެ އެހީއާއެކު ފަތިސް ނަމާދަށް ވަގުތަށް ހޭލަންފެށީމެވެ. އެއާއެކު އަހަރެންގެ ކަންކަން ފަސޭހަވެގެން ދިޔައެވެ. ކުރިން ގެއްލިފައި އޮތް ތަރުތީބު އަނބުރާ ލިބުނެވެ. ކޮންމެ ދުވަހަކާއިވެސް އުފަލުން ފޮޅިފައިވާ ހިތަކާއެކު ކުރިމަތިލެވެމުން ދިޔައެވެ. އަލްޙަމްދުލިﷲ. އެންމެފަހުން އަމިއްލައަށްވެސް ފަތިސްނަމާދަށް ހޭލަން ފެށީމެވެ. ކުރިން ނެތް ޖޯޝެއް މި ޙަޔާތަށް ލިބިފައިވާކަހަލައެވެ.

އައް-ޛާރިޔާތު ސޫރަތުގެ 55 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِين

މާނައީ: "ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ."

އަހަރެމެންނީ އިންސާނުންނީމެވެ. ބައެއްކަންކަން ހަނދާނުން ކައްސާލައެވެ. އެފަދަ ޙާލަތްތަކުގައި ބޭނުންވަނީ ލޯތްބާއެކު ކުރެވޭ ކުޑަކުޑަ އެންމެ ހަނދާންކޮށްދިނުމެކެވެ. އަނެއްބައި ފަހަރަށް ބޭނުންވަނީ އިޚުލާޞްތެރިކަމާއެކު އެހީތެރިވެދޭނޭ މަދަދުވެރިއެކެވެ. ﷲ އަށްޓަކައި އެކަކު އަނެކަކަށް ދީނަށް އުޅުމަށް އެހީވެދޭށެވެ. އެކުގައި ޖަންނަތަށް ދެވޭނީ އޭރުންނެވެ. ﷲ އަޅަމެންނީ ނަމާދަށް ފަރުވާތެރިވެ، ނަމާދު ޤާއިމް ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.

Advertisement

ކޮމެންޓް