ބަލިނުވެ 17 މެޗު ހަމަކުރެވިގެން ހިތްހަމަ ޖައްސާލެވޭކަށް ނެތް: އާސެނަލް ކޯޗް

26 Nov 2018 | 11:05

ސީޒަން ފެށުނުކޮޅު ވަރަށް ދަށް ނަތީޖާތަކެއް ނެރެމުން ދިޔަ އާސެނަލް، މޮޅަކަށް ފަހު މޮޅެއް ހޯދަމުން 10 މެޗުން ޖެހިޖެހިގެން މޮޅުވުމަށްފަހު އެންމެ ފަހުން އެޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުވަނީ އެއްވަރުވެފައެވެ. މިއާއެކު ހުރިހާ މުބާރާތަކުން އާސެނަލް ބަލިނުވެ ހިފަހައްޓަމުން އަންނަ ރިކޯޑްވަނީ 17 މެޗަށް އަރާފައެވެ.

އާސެނަލް އެންމެ ފަހުން ލީގުގައި ބޯންމައުތްއައި ބައްދަލުކޮށް 1-2 މޮޅުވި މެޗަށް ފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް އުނާއި އެމެރީ ބުނީ މިވަރަކުން ފުއްދާލެވެން ނެތް ކަމަށާއި އޭނާ ކުޅުންތެރިންގެ ކިބައިން ފެންނަން ބޭނުންވަނީ އިތުރަށް ކުޅުން ރަނގަޅުކުރާ މަންޒަރު ކަމަށެވެ.

އާސެނަލް އަދި ބޯންމައުތް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ބޯންމައުތްގެ ލެރްމާ އަތުން ބައިކޮޅަށް ވަދެގެން ކުރި ލިބުނީ އާސެނަލްއަށެވެ. ނަމަވެސް ބޯންމައުތްގެ ކިންގްވަނީ ފުރަތަމަ ހާފް ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަވަސް އެޓޭކިންގް ގޭމެއް އާސެނަލްގެ ފަރާތުން ފެނުނު މިމެޗުގައި އެޓީމަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އޮބާމެޔާންގްއެވެ.

ލީގުގައި ދެން އޮތް މެޗުގައި ވާދަވެރި ޓޮޓެންހަމްއައި ދެކޮޅަށް ކުޅުމުގެ ކުރިން އާސެނަލް ނުކުންނާނީ ޔޫރޯޕާ ލީގުގައި ޔޫކްރޭންގެ ވޮރްސްކްލާ ޕޮލްޓާވާއައި ދެކޮޅަށެވެ. އަދި ބޯންމައުތް ކުރިއަށް އޮތް މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ލީގް ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ މެންޗެސްޓާ ސިޓީއާއެވެ.   

Advertisement

ކޮމެންޓް

Advertisement