އައްޑޫ ފްލައިން ސްކޫލްގެ އިތުރު ދަރިވަރަކު ވަކިކޮށްފި

25 Nov 2020 | 06:42

އައްޑޫ ސިޓީގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުން ދިޔަ އިތުރު ދަރިވަރަކު އެސްކޫލުން ވަކިކޮށްފިއެވެ.

އެ ސްކޫލުން ވަކިކޮށްފައިވާ ދަރިވަރަކީ 2016 ވަނަ އަހަރު އެސްކޫލަށް އަމިއްލަ ގޮތުން ގުޅިފައިވާ ދަރިވަރެކެވެ. ދަރިވަރަށް ސްކޫލުން މިއަދު ފޮނުވި މެއިލްގައި ވާގޮތުން އެދަރިވަރު ސްކޫލުން ވަކިކޮށްފައިވަނީ ގަބޫލުކުރެވޭ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވާތީ ކަމަށް ބުނެފައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އަށް މައުލޫމާތު ދެމުން އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުނީ، ވަކިކޮށްފައިވާ ދަރިވަރަކީ ގިނަ އެގްޒާމްތައް ނިންމައި، ފްލައިންގެ ސޯލޯ ސްޓޭޖް ވެސް ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމަށެވެ.

އެހެން ނަމަވެސް މިވަގުތަށް ކޯސް މަޑުޖެހިފައިވަނީ މާލީ ދަތިތަކާއި ހުރެ ކަމަށާއި ސްކޫލުން އޭނާ ވަކިކުރަން ނިންމައި މެއިލް ފޮނުވާފައި ވަނީ އެ ދަތިތަކުގެ ވާހަކަތައް ސްކޫލާއި ހިއްސާކޮށްފައި ވަނިކޮށް ކަމަށްވެސް އެދަރިވަރު ވަނީ ބުނެފައެވެ.

އައްޑޫ ފްލައިން ސްކޫލުން އިތުރު ދަރިވަރަކު ވަކިކޮށްފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައިވެސް އިތުރު ދަރިވަރުންތަކެއް ވަނީ އެސްކޫލުން ވަކިކޮށްފައެވެ. އެ ކުދިން ވަކިކޮށްފައިވަނީ ކޯހުގެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ކޯސް ނިމިފައި ނުވާތީ އާއި، ކިޔެވުމަށް ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް