ރައީސް ސާލިޙް ޅ.އަތޮޅަށް ވަޑައިގެންފި

26 Nov 2020 | 13:14

ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ޅ.އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޅ. މާފިލާފުށްޓަށް ވަޑައިގެން އެ ރަށުގައި ބާއްވާ އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނެއެވެ.

އަދި ސިފައިންގެ ކޮންޕޮސިޓް ޓްރެއިނިން ސެންޓަރާއި މާފިލާފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތް ކުރައްވައި އެ ރަށުގައި މިފްކޯ އިން ހިންގާ މަސް ބަންދުކުރާ ކާރުހާނާ ވެސް ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި ހަދާ އާ ކޯލްޑް ސްޓޯރޭޖް ބިނާ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވައިލެއްވުމުގެ އިތުރުން ބައެއް މަސްވެރިންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު ފަހުން ރައީސް ރަށަކަށް ދަތުރުކުރި މިއީ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement