ކިތަންމެ ވަރަކަށް އުޅުނަސް އައްޑޫ އެއާޕޯޓް ތަރައްގީއެއް ނުވާނެ: ސަނީފް

28 Nov 2020 | 17:41

ކިތަންމެ ވަރަކަށް އުޅުނަސް އައްޑޫ އެއާޕޯޓް ތަރައްގީ ނުވާނެ ކަމަށާއި، ވަސީލަތް ހުރީ ހުވަދު އަތޮޅުގައި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ކުރިއަށްދިޔަ ޓޫރިޒަމް ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުންނެވެ.

ސަނީފް ވިދާޅުވީ، ސަރަހައްދަށް ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސާދު އޮތް ތަނެއްގައިކަން ގަބޫލުކުރައްވާ ކަމަށާއި، އެގޮތުން ރާއްޖޭގެ 1000 ރަށް އޮތް އިރު ހުވަދު އަތޮޅުގައި އެކަނިވެސް 225 ރަށް އެބައޮތް ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ އިނގިރޭސީން ހަނގުރާމައަށް ހެދި އެއާޕޯޓެއް ކިތަންމެ ވަރަކަށް ތަރައްގީ ކުރަން އުޅުނަސް ނުވާނެ ކަމަށެވެ. އެހެންކަމުން ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ އިގްތިސާދު ފުޅާކުރެވޭ ވަރަށް ކަމަށް އެބޭފުޅާ ވިދާޅުވެފައިވެއެވެ.

"ގަދަބާރުން އޮބިއަޅައިގެން ކިތަންމެ ވަރަކަށް ތަރައްޤީ ގެންނަން އުޅުނަސް ތަރައްޤީ ނުގެނެވޭނެ.އަދި ގދ.އަތޮޅުގައި މިހާރުވެސް ރިސޯޓް ހިންގާ 12 ރަށެއް އެބައޮތް.ތިން ރަށް ނިމުމުގެ މަގުމަތީގައި އޮތްއިރު އައްދޫ ސިޓީގައި އޮތީ ދެ ރިސޯޓް އަދި ލ.އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެ ރިސޯޓުތައް ވެސް ހުރީ ހުއްޓިފައި ކަމަށާއި. ހުވަދު އަތޮޅުގައި ތަރައްގީކޮށް ހިންގާ އެއްވެސް ރިސޯޓެއް މިއަދާއި ހަމައަށް އައިއިރު ހުއްޓިފައެއް ނެތް ކަމަށެވެ.

އަދި ހުވަދު އަތޮޅުގައި ބޭރުން އަންނަ ފްލައިޓް ޖެއްސޭނެ ކޮންމެ ވެސް އިންތިޒާމެއް ހަމަޖައްސައިދޭންޖެހޭ ކަމަށާއި އެ ނޫން ގޮތަކަށް، ކިތަންމެ ވަރަކަށް އުޅުނަސް ދެކުނު ޓޫރިޒަމް ތަރައްގީ ނުވާނެ ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

މީގެއިތުރުން ސަނީފް ވިދާޅުވީ ކޮންމެ ބަޔަކު އިންޓަނޭޝަނަލް އެއާޕޯޓެއް ބާއްވައިގެން ތަރައްގީ ކުރަން އުޅުނަސް ގުދުރަތީ ވަސީލަތް ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement