ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފު ދިވެހިރާއްޖެއަށް!

28 Nov 2020 | 10:43

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލްގައި، ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއިން ހޯދައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ރޭ ކުރިއަށްގެންދިޔަ ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލްގެ ވާޗުއަލް ހަފްލާގައެވެ.

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއިން ހޯދާފައިވަނީ ދުނިޔޭގެ މަޝްހޫރު 22 ގައުމަކާއި ވާދަކޮށްގެންނެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި މި އެވޯޑް ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް އިންޑިއަން އޯޝަންގެ އެވޯޑްތަކެއްވެސް ރާއްޖޭން ވަނީ ހާސިލްކޮށްފައެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުން ވަނީ ވޯލްޑް ކެޓަގަރީންވެސް ގިނަ އެވޯޑްތަކެއް ހޯދާފައެވެ. 

ދިވެހިރާއްޖެއިން މި އެވޯޑް ހޯދުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ މި އެވޯޑް ހޯދުމަކީ ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ މަގުބޫލު ނިޝާނެއް ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ފަރާތްތަކަކުން ގުޅިގެން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދިގު މުއްދަތެއް ވަންދެން ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލެވިފައިވަނީ ޖުލައިމަހުގެ ތެރޭގައެވެ. އެއަށްފަހު ފަތުރުވެރިން އަންނަ އަދަދުތައް މަޑުމަޑުން ދަނީ ރަނގަޅުވަމުންނެވެ. 

Advertisement

ކޮމެންޓް