ތިލަމާލެ ބްރިޖު މަޝްރޫއުއަކީ ރައީސް ޔާމީންގެ ޕްރޮޖެކްޓެއް: ޑރ.މުއިއްޒު

29 Nov 2020 | 22:53

މާލެ، ވިލިމާލެ އަދި ގުޅިފަޅު ހިމެނޭހެން ހަދަން ނިންމާފައިވާ "ތިލަމާލެ" މަޝްރޫޢަކީ ރައީސް ޔާމީންގެ ޕްރޮޖެކްޓެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޖަލުހުކުމް އިއްވިތާ 1 އަހަރު ފުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މިއްދު ބޭއްވި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ، ތިލަމާލެ ބްރިޖަކީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ހަދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

"އެ މަސައްކަތުގެ ދިރާސާ ފެށީ 2016 ވަނަ އަހަރު.އަދި މިސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދަނީ 2017 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުން އެކުލަވާލާފައިވާ ބްލޫ ޕްރިންޓުގެ މައްޗަށް"، މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ސިނަމާލެ ބްރިޖް އާއި ޚިލާފަށް މިސަރުކާރުން ތިމަލާލެ ބްރިޖްގެމަސައްކަތް ކުރައްވަމުން ގެންދަވަނީވެސް ދިވެހި ރައްޔިތުންގެ ބޮލުގައި އެތައް ދަރަންޏެއް އެޅޭ ގޮތަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ޚަރަދު ކުރަން ހަމަޖެހިފައިވާ ފުރިހަމަ އަދަދު މިހާތަނަށްވެސް ހާމަކޮށްފައި ނުވާ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު އިތުރަށް ފާހަގަކުރެއްވީ، ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑު ދަރަންޏެއް ކަމަށް މި ސަރުކާރުން ބުނަމުންދާއިރު، އެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ހަރަދުކުރި 200 މިލިއަން ޑޮލަރުގެ ތެރެއިން 130 މިލިއަނެއްހާ ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ ކަމަށެވެ.

އެހެންކަމުން ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ އެންމެ 70 މިލިއަނެއްހާ ޑޮލަރު ކަމަށާއި އެއީވެސް 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ކުޑަ އިންޓަރެސްޓެއްގައި ދޭންޖެހޭ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް