ރައީސް ޔާމީންގެ މެސެޖް: އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދީ!

06 Dec 2020 | 19:52

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީ އާއި ސަރުކާރުގެ ކޯލިޝަން ބަލިކޮށްދިނުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އެދިވަޑައިގެންފިއެވެ.

ޔާމީން މިހެން ވިދާޅުވިކަން ހާމަކުރެއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ.

އިދިކޮޅުން މިއަދު ކަނޑުމަތީގައި ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު މެންދުރު މާފުށި ޖަލުގައި ޔާމީންއާ ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވިކަން ޔާމީން ހާމަކުރެއްވި ކަމަށެވެ.

"ވޯޓުފޮށިން އެމްޑީޕީ އާއި މިސަރުކާރުގެ ކޯލިޝަން ބަލިކޮށްދީ.އެއީ މިއަދު އަޅުގަނޑަށްޓަކާ ތިޔަބޭފުޅުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތް" ރައީސްގެ މެސެޖްގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލާފައިވާތާ މިއަދަށް 1 އަހަރު ފުރޭއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަދު ހަރަކާތްތަކެއް ބާއްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް