ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ މަގުފަހިކުރަންޖެހޭ: ޝަހީމް

29 Nov 2020 | 21:28

ރާއްޖޭގައި ފަތުރުވެރިން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ރައްޔިރުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާކޮށް ބަޖެޓް ކޮމިޓީން ތައްޔާރުކުރި ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ، ބަޖެޓްގެ ފައިދާ ރައްޔިތުންނަށް ލިބުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންވެސް އެެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު ފައިސާ ވަންނަ މިންވަރަށްވުރެ އިތުރަށް ވަންނާނެ އިންތިޒާމު ހަމަޖެހުމަކީ ބޭނުންތެރިކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ގެސްޓުހައުސް ވިޔަފާރި ފެށިގެންދިޔަ އިރު ގިނަ ބައެއްގެ ނުރުހުން އެކަމަށް އަމާޒުވި ކަމަށް ފާހަގަކޮށް، ޝަހީމް ވިދާޅުވީ އެ ވިޔަފާރީގެ ސީދާ ނަފާ މިހާރު ރައްޔިތުންނަށް ލިބޭ ކަމުގައެވެ.

"ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމަ، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެންނެއް ނުދޭ. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން އެ ދަނީ ދަސް ކުރަމުން،" މެންބަރު ޝަހީމް ވިދާޅުވިއެވެ.

މިހާރު ގެސްޓު ހައުސްގެ ވިޔަފާރި ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ބަދަލުކުރަންޖެހޭ ކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ސުވާލަކީ މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކަން ހުއްދަ ދިނުމުން ނުކުންނާނެ ނަތީޖާއާ ގުޅޭ ސުވާލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

"މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،" ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަންޖެހޭ ކަމުގައި ފާހަގަކުރައްވަމުން ޝަހީމު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް