2021ގެ ގްރެމީ އެވޯޑްތަކަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފި

29 Nov 2020 | 19:16

2021ގެ ގްރޭމީ އެވޯޑު ތަކަށް ވާދަ ކުރާނެ ފަރާތްތަށް ވަނީ ނިމިގެން ދިޔަ ހަފްތާގެ އަންގާރަ ދުވަހު ގަޑިއެއްހާއިރުގެ ދިގު ލައިވް ސްޓްރީމަކުން އިއުލާން ކޮށްފައެވެ. ލަވަ ކިޔުމުގައި ނަން މަޝްހޫރު ތަރިން ކަމުގައިވާ ބިޔޯންސޭ، ޑުއާ ލިޕާ، ޓެއިލާރ ސްވިފްޓް، އަދި ރޮޑީ ރިޗް ވަނީ އެތައް އެވޯޑްތަކުގެ ނޮމިނޭޝަނަށް ހޮވިފައެވެ.

މުޅި އެއްކޮށް 9 އެވޯޑަށް ވާދަ ކުރުމަށް ހޮވިފައިވާ ބިޔޯންސޭ އަކީ މިއަހަރުގެ ގްރޭމީގެ އެންމެ ގިނަ އެވޯޑު ތަކަށް ވާދަ ކުރާ ލަވަ ކިޔުންތެރިޔާއެވެ. އޭނާ ވާދަ ކުރާ އެވޯޑް ތަކުގެ ތެރޭގައި "ރެކަރޑް އޮފް ދަ އިޔަރ" އަދި "ސޯންގް އޮފް ދަ އިޔަރ" ހިމެނެއެވެ. 

ޓެއިލާރ ސްވިފްޓް، ޑުއާ ލިޕާ، ރޮޑީ ރިޗް އަދި ބިލީ އައިލިޝް ވަނީ 6 އެވޯޑަކަށް ވާދަކުރަން ހޮވި، ހަފްލާގެ ދެވަނައަށް އެންމެ ގިނަ އެވޯޑް ލިބުމަށް ވާދަކުރާ ލަވަ ކިޔުންތެރިންގެ މަޤާމު ހޯދާފައެވެ.

ދެކުނު ކޮރެއާގެ ބޭންޑް ބީޓީއެސް ވެސް ވަނީ ގްރޭމީގެ އެވޯޑަކަށް ވާދަ ކުރުމަށް ހޮވި، ދެކުނު ކޮރެއާގައި ތާރީޚު ޤާއިމް ކޮށްފައެވެ. "ބިލްބޯޑް ހޮޓް 100"ގެ 1 ވަނަ އަށް އެރި މިބޭންޑުގެ ލަވަ ކަމަށްވާ "ޑައިނަމައިޓް" ވަނީ ގްރޭމީގެ "ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް" އަށް ވާދަ ކުރަން ހޮވިފައެވެ. ދެކުނު ކޮރެއާގެ ނޫހެއްކަމަށްވާ ޔޮންހަޕް ނޫހުން ފާހަގަ ކޮށްފައިވާ ގޮތުގައި ބީޓީއެސް އަށް މިއެވޯޑު ހާސިލްވި ކަމުގައި ވާނަމަ ގްރޭމީގެ އިތުރުން "އެމެރިކަން މިއުޒިކް އެވޯޑްސް" އަދި "ބިލްބޯޑް މިއުޒިކް އެވޯޑް" ހޯދާ އެމެރިކާގެ އެންމެ ބޮޑު ތިން އެވޯޑު ހަފްލާއިން އެވޯޑު ލިބުމުގެ ޝަރަފު ލިބޭ ފުރަތަމަ ދެކުނު ކޮރެއާގެ ބޭންޑު ކަމަށް ބީޓީއެސް ވެގެން ދާނެއެވެ. "ޑައިނަމައިޓް" ވާދަ ކުރަނީ ލޭޑީ ގާގާ، ޓެއިލާރ ސްވިފްޓް އަދި ހޭރީ ސްޓައިލްސްގެ ލަވަތަކާއެވެ.

މަޝްހޫރު ލަވަ ކިޔުންތެރިން ކަމުގައިވާ ދަ ވީކެންޑް، ސެލީނާ ގޯމެޒް، އަދި ހޯލްޒީ ފަދަ ފަންނާނުންގެ ލަވަ އަދި އަލްބަމްތައް ގްރޭމީ އެވޯޑް ތަކުގައި ވާދަ ކުރުމައް ހޮވިފައި ނެތުމުގެ ސަބަބުން ރިކޯޑިންގް އެކެޑެމީއަށް ވަނީ ގިނަގުނަ ފާޑު ކިޔުންތައް އަމާޒު ވެފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ގްރޭމީ އިން މިފަދަ ކަންކަން ވާގޮތް އޮޅުން ފިލުވައި ދޭން ޖެހެއެވެ. އެހެނަސް ގްރޭމީ އެވޯޑަކީ ލަވަ ކިޔުންތެރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފެއް ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

63 ވަނަ ގްރޭމީ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 1ވާ ހޯމަ ދުވަހުގެ ހެނދުނުއެވެ.

Advertisement

ކޮމެންޓް