Advertisement

ތިކިޖެހިތާނަ: ތިކިޖަހަންވީ ކޮންތާކު؟

30 Nov 2020 | 11:49

ތާނައިގެ އަކުރުތަކުގެ ތެރެއަށް ތިކިޖެހިތާނައިގެ ނަމުގައި އަކުރުތަކެއް އިތުރުކުރެވުނީ 1957 އެވެ. އޭގެ ބޭނުމަކަށް ވެފައި އޮތީ އަރަބި އަކުރުތަކުގެ މަޚުރަޖު ގެއްލިގެން ނުދާނެ ގޮތުގެ މަތިން ދިވެހިބަހުގެ އަޑުތަކުގެ ތެރޭގައި ހިމެނުމެވެ. އެ ދުވަހުން ފެށިގެން މިއަދާ ހިސާބަށް ވެސް ތިކިޖެހިތާނަ ވެފައި މިވަނީ ދިވެހިންނާ ވަރަށް ބީރައްޓެހި އަދި ތަފާތު އެކި ބަހުސްތަކާއި ފާޑު ކިޔުންތައް އަމާޒުވެފައިވާ އެއްޗެއް ކަމުގައެވެ.

ތިކިޖެހިތާނައާ މެދު ބައެއް މީހުން ދެކެނީ އަރަބި ލަފުޒެއް ނަމަ ތިކިޖަހަން ޖެހޭނެ ކަމަށެވެ. އަނެއް ބަޔަކު ދެކެނީ ތިކި ޖެހުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމުގައެވެ. އެންމެ ފަހުން ތިކި ޖަހަމުން ޖަހަމުން "ޤުރޫޕު" ފަދަ ތިކި ނުޖަހަން ޖެހޭ ތަންތާނގައި ތިކި ޖެހުމާއި "ޙާދިމްކުމް" ފަދަ ގޮތްގޮތަށް ނުބައި ތަނުގައި ތިކިޖެހުން ފަދަ ކަންކަން މިހާރު ދަނީ ފެންނަމުންނެވެ. އެހެންކަމުން މިކަމާ މެދު އެއްޗެއް ދަންނަވައިލުމުގެ ބޭނުންތެރިކަން މިހާރު އަނެއްކާ ވެސް މި އޮތީ ބޮޑުވެފައެވެ.

ގަވައިދުގައި އޮތީ ކީކޭ؟

ތިކިޖެހިތާނައާ މެދު އެމީހަކަށް ފެންނަ ހިޔާލެއް ހުށައެޅުމުގެ ކުރިން މިހާރު ލިޔެވިފައިވާ ގަވައިދުގައިވާ ނުކުތާތަކަށް ނަޒަރެއް ހިންގައިލަން ޖެހެއެވެ. 1957 ގައި ތިކިޖެހިތާނަ އިއުލާން ކުރައްވައި ނެރުއްވި އިއުލާނުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން، ދިވެހި ބަހުގެ ތެރެއަށް "ހިމެނިފައިވާ" އަރަބި ލަފުޒު ލިޔުމުގައި ތިކި ނުޖަހަން ބުނެފައިވެއެވެ. މިސާލަކަށް ދެއްވާފައިވަނީ އަސަރު، ސާބިތު، ގަލަން، ގަވައިދު މި 4 ލަފުޒެވެ. އެހެންނަމަވެސް ކިޔާއިރު މަޚުރަޖުން ކިޔުމަށް ދެވަނަ ނުކުތާގައި ބާރު އަޅުއްވާފައިވެއެވެ.

ދިވެހިބަހުގެ ތެރެއަށް ހިމެނުމަކީ ކޮބާ؟

ތިކިޖެހިތާނައިގެ މައްސަލައާ މެދު ސުވާލު އުފެދެނީ މިހިސާބުންނެވެ. ދިވެހިބަހުގެ ތެރެއަށް ހިމެނުމަކީ ނުވަތަ ދިވެހިވުމަކީ ކޮބައިހެއްޔެވެ؟ އަރަބި ލަފުޒެއް ދިވެހި ލަފުޒަކަށް ވެދާނެ ހެއްޔެވެ؟

އަޅުގަނޑުމެން ހީކުރާ ގޮތާ ހިލާފަށް ކޮންމެ ބަހެއްގެ ތެރޭގައި ވެސް ގިނަ އަދަދަކަށް އެހެނިހެން ބަސް ބަހުގެ ލަފުޒު އެކުލެވެއެވެ. އަހަރެމެން ވެސް ދަންނަ އިނގިރޭސި ބަހުގެ ލަފުޒުތަކަށް ބަލާއިރު، އިނގިރޭސި ބަހުގެ ލަފުޒުތަކުގެ %29 ލެޓިނުން، %29 ފަރަންސޭސިބަހުން، %26 ޖަރުމަންބަހުން، %6 ގުރީކުބަހުން، އަދި %10 އެހެނިހެން ބަސްބަހުން އައިސްފައިވާކަމަށް ދިރާސާތަކަށް ފެނިފައިވެއެވެ. އިނގިރޭސި ބަސް ނޫނަސް ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް އެހެން ބަސްބަހުން ގިނަ އަދަދަކަށް ލަފުޒުތައް ހިމެނިފައި ހުރެއެވެ.

ބަހުގެ އަހުލުވެރިން ދެކޭ ގޮތުގައި އިންސާނުން ވާހަކަ ދައްކާ ކޮންމެ ބަހެއް ވެސް ތަރައްގީވެގެން ދާނީ އެ ބައެއްގެ ތެރެއަށް އެހެނިހެން ބަސް ބަހުގެ ލަފުޒުތައް ވަދެގެންނެވެ. މި ގޮތުން ދުނިޔޭގެ ހުރިހައި ބަހަކަށް ވެސް އެހެނިހެން ބަސް ބަހުގެ ލަފުޒުތައް ވައްދަތެވެ. ބައެއް ފަހަރު އެބައެއްގެ އަޑުތަކަށް ފެތޭ ގޮތަށެވެ. އަނެއް ބައި ފަހަރު އަޑުތަކަށް ނުފައްތައި އެ ބަޔަކު އަޑު ނެރޭ ގޮތަށް އަޑު ނެރެގެން ވެސް އުޅެއެވެ.

އިނގިރޭސިބަހުން ފަސިންޖަރު، މަނަވަރު، ބޯޅަ، ރޭޑިޔޯ، މެޗު

އަރަބި ތާކިހާ، ކަތީބު، އިންސާނާ، އީދު، ގަލަން، ނަފުސު، ގަމީސް، ޖަވާބު

ޕޯޗުގީޒު ބަހުން ބޯކިބާ، އަލަމާރި، މަރުތެޔޮ، ބާލިދީ، ބިސްކޯދު

ފާރިސީ ރޯދަ، ނަމާދު، ބަންގި، ޒުވާން، ނޯކަރު

ސާންސްކްރިތު ފުރަތަމަ، އަނބި، ސަތޭކަ، ދެކުނު، ފަރުބަދަ

ތަމަޅަ/މަލަޔާލަމް ކަނޑު، ދޯނި، ނަލަ. ތަލަ، ނާރު، ކޯފާ، ބޭނުން

(ނަސީމާ މުޙައްމަދު، 1998).

އިސްވެ ދެންނެވި މިސާލުތަކުން އެނގެނީ ދިވެހި ބަހުގެ ތެރެއަށް ލަފުޒު ވަދެފައިވަނީ ހަމައެކަނި އަރަބި ބަހުން ނޫންކަމާއި ތަފާތު ބަސްބަހުން ދިވެހި ބަހުގެ ތެރެއަށް ލަފުޒު ވަންނަ ކަމެވެ. އެހެންކަމުން، ދިވެހި އަޑުތަކަށް ފެތި، ދިވެހިބަހުގައި އެ ބަހަށް މާނައެއް ދެވުމުން، އެއީ ދިވެހި ބަހެއް ކަމަށް ބަލައިގަންނަން ޖެހެއެވެ.

އަރަބި ބަހުގެ ނުފޫޒު.

ދިވެހިރާއްޖެ އިސްލާމްވުމަށް ފަހު އަރަބި ބަސް ވެފައިވަނީ ދިވެހި ބަހާ ގުޅިފައިވާ ބަހެއް ކަމުގައެވެ. އެހެންކަމުން އަރަބި ބަހުގެ ލަފުޒުތައް ދިވެހި ބަހުގައި ވަރަށް ގިނައިން އެކުލެވިގެންވެއެވެ. އަދި އަހަރެމެން ދިވެހިންނަކީ ގުރުއާން ކިޔަވާ ހަދާ ބައަކަށް ވުމާއި އަރަބި ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތައް ދިވެހިންގެ ތެރޭގައި ގިނަ ކަމުން، ދިވެހި ބަހުގައި ހުރި އަރަބި ލަފުޒުތައް ވަރަށް ފަސޭހައިން ގިނަ މީހުންނަށް ފާހަގަކުރެވެއެވެ. އަދި އަރަބި ހުރިހައި ލަފުޒެއްގައި ތިކި ޖެހުމުގެ ރޫހު ބައެއް މީހުންގެ ކިބައިގައި އެބަހުއްޓެވެ. އަދި ބައެއް މީހުން އެކަމާ މެދު ތަފާތު އަމިއްލަ ގޮތްގޮތަށް ދެކެމުން އަންނަކަން ވެސް ފާހަގަވެއެވެ. މިގޮތުން، ބައެއް މީހުން ދެކޭ ގޮތުގައި އަރަބި ލަފުޒުތަކުގައި ތިކި ނުޖަހައިފިނަމަ މާނަ އޮޅެއެވެ. މިސާލަކަށް ހަބަރު-ޚަބަރު ފަދަ ލަފުޒުތައް ފާހަގަކުރެވެއެވެ. ނަމަވެސް ބަހަކަށް ލިބިފައިވާ އެންމެ އުފެއްދުންތެރި އެއް ސިފައަކީ އެއް ލަފުޒެއްގައި ތަފާތު މާނަތައް އެކުލެވުމެވެ. މިސާލަކަށް ދިވެހިބަހުގައި "ހަރު" ގެ ކިތައް މާނަ އޮވޭތޯއެވެ. މިއިން ކޮންމެ ހަރެއް ވަކިކުރަން ކޮންމެ އަކުރެއްގައި ކިތައް ތިކި ޖަހަން ޖެހޭނެތޯއެވެ. ވީމާ، މިފަދަ ބަހަވީ ވިސްނުމާ ދުރު ހިޔާލުތައް ދޫކޮށް، އެންމެން އެއް އުސޫލަކަށް ތަބާވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހައްލަކަށް ވާނީ ކޮން ގޮތެއް؟

އަޅުގަނޑު ދެކޭ ގޮތުގައި ތިކި ޖެހިތާނައާ މެދު އެމީހަކަށް ފެންނަ ގޮތަކަށް އަމަލު ނުކޮށް، މިހާރު ހުރި ގަވައިދުތަކުގެ ދަށުން ހައްލެއް ހޯދިދާނެއެވެ. މި ގޮތުން އަޅުގަނޑަށް ފެންނަ ގޮތްތަކަކީ:

1. އަރަބި ބަހުން އައި ކަމުގައި ވީ ނަމަވެސް ދިވެހި ވެފައިވާ ލަފުޒުތައް ތިކި ނުޖަހައި ލިޔުން، މިސާލު: ގާނޫނު، ގަވައިދު، ނުކުތާ، އަރަބި، ގަމީސް، މަދަރުސާ، އިންސާފު، ގައުމު. މި ގޮތަށް ލަފުޒު ދިވެހި ބަހަށް ވައްދާ އިރު ދިވެހި ބަހުގައި ސުކުން ކުރެވޭ އަކުރުތައް ނޫން އަކުރުތަކުގައި ސުކުންނުކުރުން.

2. އަޑުގެ މަޚުރަޖު ހުތުރުވާ، ނޫން ނަމަ ދިވެހި ނުވާ ކަމަށް ފެންނަ ލަފުޒުތަކުގައި ތިކި ޖެހުން.

މިސާލު: މަޚުރަޖު، މަޤާމު، އަލްފާޟިލް، ޚާދިމްކުމް

3. މީހުންގެ ނަމާއި ޚާއްޞަ ނަން ލިޔާއިރު ތިކި ޖެހުން. މިސާލު: ޢަޒީޒާ، ޢުމަރު، ފަރަޙަނާޒު، މުޙައްމަދު، ނަޞީޙާ.

ބަހެެއްގައި ހިމެނޭ އެއްވެސް ބައެއް ނައްތައިލައި، ނޫންނަމަ އެ އޮންނަ ގޮތުގެ މައްޗަށް އާ ގޮތެއް ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެންކަމުން، ތިކިޖެހިތާނައާ މެދު ވެސް ހަރުދަނާ ކޮންމެވެސް އެއް އުސޫލަކުން އަމަލު ކުރުމަކީ ރަގަޅު ގޮތަކަށް ވާނެ ކަމެކެވެ.

Advertisement

ކޮމެންޓް