Advertisement

ކުޅުދުއްފުއްޓާއި މަހިބަދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފި

30 Nov 2020 | 17:10

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަހިބަދުއާއި ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 18 އަހަރުން ދަށުގެ ކުއްޖަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮަޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ތިން ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނިފައިވެއެވެ

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް