އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ: މިނިސްޓަރ ނަސީމް

01 Dec 2020 | 15:17

އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލުމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

އެބޭފުޅާ މިހެން އެދިވަޑައިގެންނެވީ ދުނިޔޭގެ އެއިޑްސް ދުވަސް 2020" ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ އެޗް.އައި.ވީ އާ ދެކޮޅަށް އަދި ބައްޔަށް ފަރުވާދިނުމަށް މަސައްކަތް ކުރާ ފަރާތްތައް މަސައްކަތް ކުރަނީ މި ބަލީގެ ސަބަބުން ލިބޭ ވޭނާއި ކެކުޅުން އަދި އާއިލާތަކަށް ލިބޭ ގެއްލުމަށާއި ހިތްދަތިކަމަށްވެސް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ބަލިމީހާއާއި އާއިލާއަށް ލިބޭ ނުތަނަވަސްކަން ކުޑަކުރުމަށް ވިސްނުމާއި ފިކުރުދީގެންކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށާއި ބަލީގައި އުޅުމުގައި އެގެންޖެހޭ ރަގަޅު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެހެންކަމުން މި މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ މުނާސަބަތުގައި އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތަށް ހިތްވަރާއި ސާބަސްދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގައި ކުރެވިފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ރާއްޖޭގައި މި ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަން ހުރިކަމަށް ދައްކާ ކަމަށެވެ. އެހެންކަމުން، އެޗް.އައި.ވީ އޭޑްސް އަކީ އިސްކަންދޭ ކަމެއްގެ ގޮތުގައި ބާއްވާ، އެޗް.އައި.ވީ / އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދިމިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

"އެގޮތުން މިބައްޔަށް ދެވޭ ފަރުވާ އަދި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލައްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި"، މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ އެޗް.އައި.ވީ / އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއަށް ލިބިފައިވާ 'މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ޖެހުން ނައްތާލެވިފައިވާ ޤައުމެއް'ގެ ނަން އެ ގޮތުގައި ދެމެހެއްޓުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާރޑް ރެސްޕޮންސިބިލިޓީ" އެވެ. ބައިނަލް އަޤްވާމީ ފެންވަރުގައި މިޝިއާރު ކަނޑައަޅާފައިވަނީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ ޕެންޑަމިކް، ކޮވިޑް 19 ގެ ހާލަތާ ގުޅުވައިގެންނެވެ.

Advertisement

ކޮމެންޓް