މިއުޒީޝަނުންގެ ޔޫނިއަންގެ ރައީސަކަށް އޮގަރު ވަހީދު އިންތިޚާބުކޮށްފި

03 Dec 2020 | 13:18

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމަށް ދިވެހި މިއުޒިކް އަދި އުފެއްދުންތެރިކަމުގެ ދާއިރާއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އޮގަރު އިބްރާހިމް ވަހީދު އިންތިޚާބުކޮށްފިއެވެ.

މި މަގާމަށް އެބޭފުޅާ އައްޔަންކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 28ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ބޭއްވުނު އެ ޖަމްއިއްޔާގެ އިފްތިތާހީ ޖަލްސާގައެވެ. މި ޖަލްސާގައި އެ ޖަމްއިއްޔާގެ މުއައްސިސުންނާއި މެންބަރުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ޖަލްސާގައި ނެގުނު ވޯޓުން ރައީސްކަމުގެ މަގާމަށް އޮގަރު އިބްރާހިމް ވަހީދު އައްޔަންކުރެވުނު އިރު، ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރެވުނީ ޖަމްއިއްޔާގެ މުއައްސިސެއްކަމަށްވާ މަހްރާން މުހައްމަދު މާޖިދެވެ. ޚަޒާންދާރުގެ މަގާމަށް އަހުމަދު އައިމަން ލަތީފް އިންތިޚާބު ކުރެވުނު އިރު، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވުނީ އަހުމަދު ހަމްޒާ ޚަލީލެވެ.

މީގެ އިތުރުން މިއުޒީޝަންސް ޔޫނިއަންގެ އިވެންޓް ކޯޑިނޭޓަރަކަށް މިފްރާހް އަބްދުލް މުހައިމިން، ސްޕޯކްސްޕާރސަނަކަށް އައިމިނަތު ޝުއާ ޝުޖާޢު ޢަބްދުލް ހަންނާން އަދި އެސޯސިއޭޓް އޮފިސަރަކަށް އަފާނީން ނާފިލް ވަނީ އިންތިޚާބުކޮށްފައެވެ.

މި ޖަމްއިއްޔާގެ މަގްސަދަކީ ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުމެވެ. އެގޮތުން ދިވެހި މިއުޒިޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަށް ބަލާ، އެމީހުންގެ މަސައްކަތާ ގުޅުންހުރި އަސާސީ ކަންކަން ބަލައިދޭން މަސައްކަތްކުރާނެކަމަށް މި ޖަމްއިއްޔާގެ މުއައްސިސުން ވަނީ ބުނެފައެވެ. އަދި ބޭނުން ވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ، ޤާނޫނީ ލަފާ ދިނުމުގެ ކަންކަންވެސް ކުރާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement