މިނިސްޓަރުން ރަށަށް އެއާޕޯޓް: އަސްލަމް ރަށު އެއާރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ނިންމާލެވޭނެ!

02 Dec 2020 | 14:49

މިފެށޭ 2021 ވަނަ އަހަަރުގެ ނިޔަލަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިންގް، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ، ފަރެސްމާތޮޑާގެ އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެއާޕޯޓްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ އެމްޓީސީސީ އިން މިމަހުގެ 15 ގެ ކުރިން އެރަށުގައި މަސައްކަތް ފަށާނެ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ އެރަށުގެ އެއާރޕޯޓުގެ ރަންވޭ ހަދަނ ބިން ސާފުކޮށް ރަންވޭގެ ބޭސް ލޭޔާގެ މަސައްކަތް ފެށުމަށް އެރަށު ރައްޔިތުން ތިބީ ތައްޔާރަށް ކަމަށެވެ.އެހެން ކަމުން އެފަދަ މަސައްކަތެއް ނިންމުމަށް އެމްޓީސީސީ އަށް ނަގަނީ އާންމުކޮށް 8 މަހާއި 10 މަހާއި ދެމެދުގެ މުއްދަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭގެ އިތުރަށް އަސްލަމް ވިދާޅުވީ، އަންނަ އަހަރުގެ ފަހުކޮަޅަށް އެއާޕޯޓުގެ މަސައްކަތް ނިމި ފަރެސްމާތޮޑާ އާއި ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށަކާއި ބްރިޖަކުން ގުޅާލާނެ ކަމަށެވެ.

"އަންނަ އަހަަރުގެ ފަހުކޮޅާއި ހަމައަށް ދާންވައިރަށް އެއާޕޯޓުގެ މަސައްކަތް އެކީގައި ނިމި އަދި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ފަރެސްމާތޮޑާއާއި ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށާ، ބްރިޖުވެސް ކޮށްދޭނެ އެއާޕޯޓު މަސައްކަތާ އެކީގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ޙަވާލުކޮސް ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް