އިނގިރޭސި ލީގް ކަޕް: ސިޓީއަށް ފަސޭހަ މޮޅެއް، ޔުނައިޓެޑަށް މާޔޫސްކަން

26 Sep 2018 | 06:23

އިނގިރޭސި ލީގް ކަޕްގައި މެންޗެސްޓަރ ސިޓީ އޮކްސްފޯޑް ޔުނައިޓެޑްގެ މައްޗައް 3-0 ކުން ކުރިހޯދައި ޖެހިގެން އޮތް ބުރަށް ދަތުރުކޮށްފިއެވެ. އޮކްސްޕޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅެފައިވަނީ ސިޓީއިންނެވެ. ސީޓީގެ ފަރާތުން ފެނުނު ގޯލްތައް ޖަހާފައިވަނީ ގެބްރިއެލް ޖީސުސް، ރިޔާދް މަހްރޭޒް، އަދި ޕިލް ފޯޑެންއެވެ.

ލީގް ކަޕްގެ އެހެން ނަތީޖާއަކަށް ބަލާއިރު ޑަރބީ ކައުންޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ މެންޗެސްޓަރ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. ޔުނައިޓެޑް މި މެޗުން ބަލިވެފައިވަނީ ޕެނަލްޓީ ޖަހާ 8-7 ކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައިވަނީ ޖުއާން މަޓާ 3 ވަނަ މިނެޓުގައި ޖަހައިދިން ގޯލުން ޔުނައިޓެޑުންނެވެ. ޑަރބީއިން މެޗުގެ 59 ވަނަ މިނެޓުގައި ހެރީ ވިލްސަން ޖެހި ލަނޑާއެކު ނަތީޖާ އެއްވަރުކޮށް ޔުނައިޓެޑްގެ ކީޕަރު ސަރޖިއޯ ރޮމޭރޯއަށް ދެއްކި ރަތްކާޑުގެ ފައިދާ ނަގާ 86 ވަނަ މިނެޓުގައި ޖެކް މެރިއޮޓްގެ ގޯލާއެކު ލީޑްވެސް ނެގިއެވެ. އެހެންނަމަވެސް، މަރުއާން ފެލައިނީ މެޗުގެ 90 ވަނަ މިނެޓުގައި ލަނޑެއްޖަހައި ޔުނައިޓެޑްއަށް އުންމީދު އައުކޮށްދިނެވެ. އިތުރު ވަގުތު ކުޅެގެން ނަތީޖާއަށް ބަދަލެއް ނާއިސް ޕެނަލްޓީ ޖަހައިގެން ދެން އޮތް ބުރަށް ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޑަރބީވަނީ ދަތުރުކޮށްފައެވެ. މި މެޗަކީ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ލީގް ކަޕްގެ ހޯމް މެޗެއްގައި ބަލަވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ސިޓީއާއި ޑަރބީގެ އިތުރުން ލީގް ކަޕްގެ ޖެހިގެން އޮތް ބުރަށް ދަތުރުކުރި ޓީމްތަކުގެ ތެރޭގައި ބޯރންމައުތް، ބްލެކްޕޫލް، ބަރޓަން އަލްބިއޮން، ފުލަމް، އަދި ކްރިސްޓަލް ޕެލަސް ހިމެނެއެވެ. ލީގް ކަޕްގެ ވަރުގަދަ މެޗުތަކެއް މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.  

Advertisement

ކޮމެންޓް

Advertisement