ކޮރަޕްޝަނުގެ ތުހުމަތުގައި އެފްއެސްއެމް އިން 25 މުވައްޒަފުން ވަކިކޮށްފި

02 Dec 2020 | 19:41

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ 25 މުވައްޒަފަކު އެ ވަޒީފާއިން ވަކިކޮށްފައިވާނެ ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކަޓްރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކުންފުންޏަށް ބޭނުންވާ ތެޔޮ ގަތުމުގައި ހިނގާފައިވާ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ޤަސަމް ވިދާޅުވީ، އޭނާ އެ މަޤާމާއި ޙަވާލުވެވަޑައިގެންނެވި އިރު ކޮރަޕްޝަންގެ ގިނަ ޢަމަލުތަކެއް އެ ކުންފުނީގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ކުންފުނީގެ ތެރޭގައި ހިނގާފައިވާ ޢަމަލުތައް ތަޙްގީގު ކުރެއްވި ކަމަށާއި، އެ ތަހްގީގުގެ މައްޗަށް ބިނާކޮށް ކުންފުނީގެ އުސޫލުތަކުގެ ތެރެއިން 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަމައެއާއި އެކު އެ 25 މުވައްޒަފުނަނާއި ގުޅުންހުރި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ޤަސަމް ވިދާޅުވިއެވެ.

ހަމައެހެންމެ އެފްއެސްގައި މަސައްކަތް ކުރާ މުވައްޒަފުނެގެ ތެރެއިން އިތުރު ބަޔަކު މިކަމުގައި ޝާމިލްވޭތޯ ބަލަމުން ގެންދަވާ ކަމުގައި ޤަސަމް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޤަސަމް ވިދާޅުވީ، އެމްޕީއެލްއަށް ތެޔޮ ގަތުމުގައި ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން، އެފްއެސްއެމްގެ ބައެއް މުވައްޒަފުން އެ ކޮރަޕްޝަނުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް އެމައްސަލަ އެމްޕީއެލްއިން ހިއްސާކޮށްފައިވާ ކަމުގައެވެ. އަދި އެ މުވައްޒަފުންނަކީ އެމްޕީއެލްގެ އިންޓާނަލް އޮޑިޓުން ފާހަގަވި މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނާމެދު ކުރެވޭ ތުހުމަތުތަކަށް ރިޢާޔަތްކުރައްވައި އެ މުވައްޒަފުން ސަސްޕެންޑުކުރައްވާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް