މަގުމަތިވެފައިވާ މީހުންނަށް އެހީވުމަށް ކެނެޑާއިން ދިން މިލިއަން ޑޮލަރަށް ކުރި ކަމެއް ބުނެދޭންޖެހޭ: ޑރ. މުއިއްޒު

03 Dec 2020 | 06:23

ވަންނާނެ ގެދޮރު ނެތި މަގުމަތިވެފައިވާ ދިވެހި ރައްޔިތުންނަށް ކެނެޑާ ސަރުކާރުން އެހީގެގޮތުގައި ދީފައިވާ އެއް މިލިއަން ޑޮލަރުގެ އެހީއަށް ދިވެހި ސަރުކާރުން ކުރި ކަމަކާއި ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައްވާ ޑރ.މުޙައްމަދު މުޢިއްޒު ސުވާލު އުފައްދަވައިފިއެވެ.

މުއިއްޒު ޓްވީޓް ކުރައްވަމުން ވިދާޅުވެފައިވަނީ ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް، އެ ރައްޔިތުންގެ ޙައްޤުގައި ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި މާލެ ސިޓީކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އާ ގުޅިގެން ބޯހިޔާވަހިކަން ގެއްލި މަގުމަތިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާ ސަރުކާރުން ދިވެހި ސަރުކާރަށް 1 މިލިއަން ޑޮލަރު (15.42 މިލިއަން ދިވެހި ރުފިޔާ) ދީފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެ އެހީއާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީވަޒީރު ޝާހިދެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މާލޭގައި މަގުމަތިވެ، ހާލުގައި ޖެހި ކުނި ވަށިގަނޑުތައް ހާވައިގެން ކައި އުޅޭ އެތައްބަޔަކު އުޅޭކަން ވަނީ ފާހަގަވެފައެވެ. އަދި ޕާކާއި، މިސްކިތްތަކުގެ އިތުރުން މާލެގެ ހުސް ތަންތަނުގައި މަގުމަތިވެ އެތަކެއް ބައެއް ދިރިއުޅެމުން އަންނަ އައުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މިފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް މިހާތަނަށްވެސް އެ ފަރާތްތަކަށް ދިވެހި ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ވެސް ހައްލެއް ހޯއްދަވާދެއްވާފައެއްނުވެއެވެ.

Advertisement

ކޮމެންޓް

Advertisement