Advertisement

ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިނުވެ، އިޖްތިމާއީ ތަންތަނުގައި ދިރިއުޅޭނަމަ ފިޔަވަޅު އަޅާނެ

03 Dec 2020 | 11:34

ބޯހިޔާވަހިކަން ނެތިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިނުވެ، އިޖްތިމާއީ ތަންތަނުގައި ނިދާ ކައިބޮއެ ހަދާނަމަ ފިޔަވަޅު އަޅާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ފަށާފައިވާތީ، މާލޭ ސިޓީގެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި، ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިންވެސް މަނާކުރެވިފައިވާކަމެއްކަމުގައި ހަނދުމަކޮށްދޭ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ، މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަންކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް (ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަންފެށިފައިވާ މަސައްކަތުގެތެރެއިން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިފަދަ ހުރިހާ ފަރާތަކުންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދެއްވައި، ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

އަދި ސަރުކާރުން މި ފަދަ ޕްރޮގްރާމެއް އިޢުލާންކުރެއްވުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާޢީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް