Advertisement

މިއީ އެފަރާތްތަކަށް ހައްޤު މިންވަރުބާ؟

03 Dec 2020 | 16:38

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕޮލިސީ ފެންވަރެއްގައި އެންމެ ގިނަ ކަންތައްތައް ފެންނާނެ އެއް ދާއިރާއަކީ ހަމަ ކަށަވަރުންވެސް އިޖްތިމާއީ ދާއިރާއެވެ. މީގެ ތެރެއިން މުޖުތަމައުގައި ހުރިހާ ފަރުދުންގެ ހަމަހަމަ ބައިވެރިވުމާއި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކުރުމަށް އޮތް އިޖްތިމާއީ ރައްކާތެެރިކަމުގެ ނިޒާމަކީ ހަގީގަތުގައި ދަންނަވާނަމަ، ގިނަ ގައުމުތަކުން އެހާ ސަމާލުކަންދޭ ފަދަ ދާއިރާއެއް ނޫނެވެ. މިކަމުގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް އިސްތިސްނާވުމެއް ނެތެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ކަމާގުޅޭ މުއައްސަސާތަކުންނާއި ސިޔާސީ ފަރާތްތަކުން އެންމެ އަޑުހަރުކޮށް ދައްކާ އެއް ވާހަކައަކީ އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ވާހަކައެވެ. ނުވަތަ ކުރުމަށް ގަސްދުކުރާ ވާހަކައެވެ.

ތެދެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށާއި އެފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. އެކަންކަން އެފަރާތްތަކުގެ އާއިލާތަކުންވެސް ފާހަގަކުރެއެވެ. އެހެނަސް އަދިވެސް އެއީ އެފަރާތްތަކަށް އެންމެ ހައްގުވާ މިންވަރުތޯ ސުވާލު އުފެދެއެވެ.

ދިވެހި ދައުލަތުގެ އިޖްތިމާއީ ރައްކާތެެރިކަމުގެ ނިޒާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އިނާޔަތަކީ 2000 ރުފިޔާއެވެ. ވޮއިސްއާއި ވާހަކަދެއްކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކުން ބުނިގޮތުގައި މި 2000 ރުފިޔާއަކީ އެފަރާތްތަކަށް ކުރަންޖެހޭ ޚަރަދާއި އަޅާބަލާއިރު ވަރަށްވެސް މަދު އަދަދެކެވެ. އެގޮތުން ބައެއް ފަހަރު ނެޕީގަތުމަށް އެކަނިވެސް މަހަކު 2000 ރުފިޔާ ޚަރަދުވާކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ. ގިނަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބެލުމަށް ކައިރީގައި އަބަދުވެސް މީހަކު ހުންނަން ޖެހުމުން އާއިލާގެ ތެރެއިން ވަޒީފާއެއް އަދާކޮށް އާމްދަނީއެއް ހޯދާނެ އިތުރު މީހަކު މަދުވާނެެވެ.

މި އިނާޔަތް ބޮޑުކުރުމަަށް އެދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކާ އެފަރާތްތަކުގެ ހައްގުގައި ޖަމްއިއްޔާ ޖަމާއަތްތަކުން ގޮވާލަމުންދާތާ އެތަކެއް އަހަރެއް މިވަނީ ވެފައެވެ. އެހެނަސް އެކަމަށް އެކަށީގެންވާ އިޖާބައެއް ސިޔާސަތު ހައްދަވާ ވެރިންގެ ފަރާތުން މިހާތަނަށް ލިބިފައެއް ނެތެވެ. މިއީ ހަމަ ގައިމުވެސް އެފަރާތްތަކާ މެދު ވެވޭ ބޮޑު އިހުމާލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ގިނަ ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބެއެވެ. ނަމަވެސް މި ފަރުވާތަކަކީ ގިނަ ފަހަރަށް އަތޮޅު ތެރޭގެ ރަށްރަށުގައި ލިބެން ހުންނަ ފަރުވާތަކެއް ނޫނެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކުން ގިނަ ފަހަރަށް ޖެހެނީ ބޮޑު ކުލީގެ އަޅަކަށް ވެގެން ނަމަވެސް، މާލެއަށް ހިޖުރަކުރާށެވެ. އެކަށީގެންވާ މިންވަރެއްގެ ސިއްހީ ފަރުވާ ހޯދުމުގެ ނިޔަތުގައެވެ. ދިވެހި ގައުމު މިހާ ތަރައްގީވެފައިވާ ދުވަސްވަރެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ފަރުވާތައް ލާމަރުކަޒު ކުރެވިފައި ނެތުމަކީ އިންތިހާއަށް ހިތާމަހުރި ކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ފޯރުކޮށްދިނުމުގެ ވާހަކަތައް ދެކެވޭއިރު އެކްސެސިބިލިޓީ ނުވަތަ ތަންތަނަށް ފަސޭހަކަމާ އެކު ވަދެ ނުކުމެ ހެދޭނެގޮތް ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ. މިފަހުގެ ތާރީޚްގައި ގިނަ ބޮޑެތި އިމާރާތްތަކުގައި ވީލްޗެއަރ ރޭމްޕް އަދި ޑިސޭބިލިޓީ ޓޮއިލެޓްތައް ގާއިމްކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެތަންތަން ހަގީގަތުގައިވެސް ބޭނުން ކުރެވިދާނެތޯ ބަލާލެވިފައިވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ވަރަށް ގިނައިން މިފަދަ ތަންތަން ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިން އިވެއެވެ. މީގެ އިތުރުން މަގުގެ ޕޭވްމަންޓްތަކަށް މި ފަރާތްތަކުގެ ވީލްޗެއަރއަށް އެރޭނެގޮތް ހުއްޓަސް ގިނަ ފަހަރަށް ސައިކަލަކުން އެތަންވެސް ބްލޮކްކޮށްފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ހަގީގަތުގައި އެކްސެސިބިލިޓީ ނުދީ، ނަމެއްގައި އެކަން ކުރުމަކީ އެފަދަ ފަރާތްތަކާ މެދު ކުރެވޭ މަލާމާތެކެވެ.

ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، އެމީހުންގެ ހައްގުތައް ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިއަދު އެމީހުންނަށްޓަކައި ކޮށްދީފައިވަނީ ހަމަ އެންމެ ހައްގު މިންވަރުތޯ ސުވާލު އުފެދޭތީއެވެ!

Advertisement

ކޮމެންޓް