Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތް ބޮޑުކުރަން ގޮވާލައިފި

07 Dec 2020 | 19:20

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިނާޔަތް ބޮޑުުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމް އިން ނެރެފައިވާ ބަޔާނުގައއި ބުނެފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

އެހެންކަމުން އެފަރާތްތަކަށް މާލީ އެހީގެ ގޮތުގައި އިނާޔަތެއް ދިނުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ތެރޭގައި، ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް، އެ ދަފްތަރު އެކުލަވައިލައިފައި ނުވާ ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެ ދަފްތަރު އެކުލަވައިލުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުން މުހިއްމު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. އެ ކޮމިޝަނުން ވަނީ ދަތުރުފަތުރުކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް ދައުލަތަށް އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދީ، މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް، އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފަދަ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި، އެއްވެސް މީހަކު ބާކީ ނުވާނޭހެން ކަންކަން ރާވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއި ޝާމިލުވުން ހިމެނޭގޮތައް އެފަދަ ކަންކަން ބައްޓަންކުރުމަކީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަޑިތައް ހާސިލުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް އެޗްއާރުސީއެމް ބުނެފައިވެއެވެ.

ފޮޓޯ:ޕީއެސްއެމް

Advertisement

ކޮމެންޓް