Advertisement

ޙާލުގައި ޖެހިފައި އޮތް ލަންކާގެ ދެ މަސްބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

03 Dec 2020 | 23:01

ކަނޑުމަތީ ހާލުގައި ޖެހިފައި އޮތް ސްރީލަންކާގެ ދެ މަސްބޯޓަކަށް ސިފައިން އެރީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު އެވެ.

އެ ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އެމްއެންޑީއެފް އިން ބުނީ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް