މަހްދީގެފާނު ފާޅުވުން!

04 Dec 2020 | 14:39

ޒަމާނަކީ ދުނިޔޭގެ ކަންކަން އެފުށްމިފުށަށްޖެހި، މި ކާއިނާތުގެ ނިމުން ކައިރިވަމުންދާ ޒަމާނެވެ. މި ދުނިޔޭގެ ނިމުން އަންނަކަން ބަޔާންކޮށްދެނިވި ކުދި ޢަލާމާތްތައް ފާޅުވެ، ބޮޑެތި ޢަލާމާތްތައް ފާޅުވުމަށް ކުޑަތަންވެފައިވާނެ ޒަމާނެވެ. އެ ޒަމާނުގައި މީސްތަކުންގެ ތެރޭގައި؛ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބަނގުރަލާއި، ޒިނޭއާއި، ރިބާއާއި، މިއުޒިކުކުޅޭ ސާމާނުތައް ޙަލާލުކޮށް އުޅޭނެއެވެ. ދޮގުވެރިކަމާއި، ދޮގުހެކިދިނުމާއި، ޖާހިލުކަން ވާނީ އިންތިހާއަށް ފެތުރިފައެވެ. ބިންގަނޑުގެ ތެރެއަށް ގަންބަވައިގަތުމާއި، ޒަލްޒަލާތައް ގިނަވެގެންދާނެއެވެ. ޤަތުލުކުރުން އިންތިހާއަށް ޢާއްމުވެގެންދާނެއެވެ. އެޒަމާނުގައި މުޞީބާތްތައް ގިނަވެ، މަރަށް އެދޭމީހުން ގިނަވެގެންދާނެއެވެ. ޤަބުރެއްކައިރިން ދާމީހަކު ބުނާނެއެވެ. ތިމަން މި ޤަބުރުގައިވީނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ މިގޮތުގައި ކަންކަން ވަނިކޮށް، މާތް ﷲ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި، އިންޞާފު ޤާއިމުކުރައްވައި، ޙައްޤު ބަޔާންކޮށްދެއްވާނެ ބޭފުޅެއްގެ ގޮތުގައި މަހްދީގެފާނު ފޮނުއްވާނެއެވެ.

މަހްދީގެފާނާބެހޭގޮތުން ގިނަ ޙަދީޘްތަކެއް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބައިން ވާރިދުވެގެން އައިސްފައިވެއެވެ. މިގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި މަހްދީގެފާނު އަންނަހުށީ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދަރިފަސްކޮޅުންނެވެ. ފާޠިމަތުގެފާނުގެ ފުށުންނެވެ. އެހެންކަމުން، މަހްދީގެފާނުގެ ނަސަބުފުޅު ގުޅިފައިވާނީ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ނަސަބުފުޅާއެވެ. އަދި މަހްދީގެފާނުގެ ނަންފުޅެއް ކަމުގައިވާނީ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅުކަމާއި، މަހްދީގެފާނުގެ ބައްޕާފުޅާއި މަންމާފުޅުގެ ނަންފުޅުވެސް رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބައްޕާފުޅާއި މަންމާފުޅުގެ ނަންފުޅާ އެއްގޮތްވާނެކަމުގައި އައިސްފައިވެއެވެ. އެހެންކަމުން، މަހްދީގެފާނުގެ ނަންފުޅެއް ކަމުގައި ވާނީ މުޙައްމަދު ބުނި ޢަބްދިﷲ އެވެ. "އަލްމަހްދީ" އަކީ ލަޤަބުފުޅެވެ. އެ ލަޤަބުފުޅު ދެވިފައިވަނީ މަހްދީގެފާނަކީ ޙައްޤުގެ މަގަށް މީސްތަކުންނަށް ތެދުމަގުދައްކަވައި، މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރައްވާ ބޭފުޅަކަށް ވާތީއެވެ. އަދި މަހްދީގެފާނުގެ ލަޤަބުފުޅަށް ޢިލްމުވެރިން ވަނީ "الـمُنْتَظَرُ" އިތުރުކުރައްވާފައެވެ. އެއީ؛ މަހްދީގެފާނަކީ؛ ފަހު ޒަމާނުގައި، އުއްމަތް އެ ބޭފުޅަކަށް އިންތިޒާރުކުރަމުންދާނެ ބޭފުޅަކަށް ވާތީއެވެ. މަހްދީގެފާނަކީ ނިތްކުރިފުޅު ތަނަވަސް، ނޭފަތްޕުޅު ރީތި ބޭފުޅެކެވެ. މަހްދީގެފާނު ފާޅުވާނެ ހިސާބެއް ޞަރީޙަކޮށް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް މަހްދީގެފާނާބެހޭ ގޮތުން ވާރިދުވެފައިވާ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތައް ދިރާސާކުރެއްވުމަށްފަހު ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މަހްދީގެފާނު ފާޅުވާނީ އިރުމަތީ ހިސާބު ރަށްތަކުންކުރެ ރަށަކުންނެވެ.

މަހްދީގެފާނުގެ ދުވަސްވަރަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާނެ ދުވަސްވަރެކެވެ. މާތް ﷲ މަހްދީގެފާނަށް ވެރިކަން ދެއްވައި، އިސާހިތަކު މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރައްވާނެއެވެ. މީސްތަކުންނަށް އުފާ ފާގަތިކަން ގެނެސްދެއްވާނެއެވެ. އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((الْمَهْدِيُّ مِنِّي، أَجْلَى الْجَبْهَةِ، أَقْنَى الْأَنْفِ، يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا، كَمَا مُلِئَتْ جَوْرًا وَظُلْمًا، يَمْلِكُ سَبْعَ سِنِينَ)) (رواه أبو داود (4285)، والحاكم (4/600). والحديث سكت عنه أبو داود، وقال الحاكم: صحيح على شرط مسلم، وقال الذهبي في ((تلخيص العلل المتناهية)) (319): إسناده صالح، وجوّد إسناده ابن القيم في ((المنار المنيف)) (ص: 109)، وحسنه ابن حجر في ((تخريج مشكاة المصابيح)) (5/120) كما قال ذلك في المقدمة.) މާނައީ: "މަހްދީގެފާނު ވަނީ ތިމަންކަލޭގެފާނުގެ ފުށުންނެވެ. ނިތްކުރިފުޅު ތަނަވަސްވެފައި، ނޭފަތްޕުޅު ރީތިވާނެއެވެ. ޢަދުލު އިންޞާފުން ބިން ފުރާލައްވާނެއެވެ. އޭގެކުރިން އަނިޔާވެރިކަމުން ބިން ފުރިގެންވި ފަދައިންނެވެ. ހަތްއަހަރު ވެރިކަން ކުރައްވާނެއެވެ."

ދުނިޔޭގެ މައްޗަށް އަންނާނެ އެންމެބޮޑު އެއްފިތުނަ ކަމުގައިވާ ދައްޖާލުގެ ފިތުނަ ފާޅުވާނީ މަހްދީގެފާނުގެ ޒަމާނުގައެވެ. އަދި މާތް ﷲގެ ރަސޫލާ ޢީސާ عَلَيْهِ السَّلامُ ފައިބާވަޑައިގަތުން ހިނގާނީވެސް އެދުވަސްވަރުގައެވެ. ޢީސާގެފާނު ވަޑައިގެން މަހްދީގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރައްވާނެއެވެ. ޞަހީޙު މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ. "ފަހެ، މަރްޔަމްގެފާނުގެ ދަރިކަލުން ފައިބާވަޑައިގަތުމުން، މީސްތަކުންގެ އަމީރު ދަންނަވާނެތެވެ. 'ވަޑައިގެން ތިމަންމެނަށް (އިމާމެއްގެ ގޮތުގައި) ނަމާދުކޮށް ދެއްވާށެވެ!' އެހިނދު އެކަލޭގެފާނު ވިދާޅުވާނެއެވެ. 'ނޫނެކެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އެއްބަޔަކީ އަަނެއްބައެއްގެ މައްޗަށްވާ އަމީރުންތަކެކެވެ.' رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ((مِنَّا الَّذِيْ يُصَلِّي عِيْسَى بْن مَرْيَمَ خَلْفَهُ)) (رواه أبو نعيم في ((الأربعون في المهدي)) (64). وصححه الألباني في ((سلسلة الأحاديث الصحيحة)) (2293).) މާނައީ: "ތިމަންމެންގެ ތެރޭގައި (އެބަހީ؛ މި އުއްމަތުގައި) އެބޭފުޅެއްގެ ފަހަތްޕުޅުގައި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ނަމާދުކުރައްވާނެ ބޭފުޅަކުވެއެވެ." މީގެފަހުގައި މުސްލިމުންނައިގެން ޢީސާގެފާނު ވަޑައިގެން ދައްޖާލު ޤަތުލުކުރައްވާނެއެވެ.

މަހްދީގެފާނު މުސްލިމުންގެ އަމީރެއްގެ ގޮތުގައި ހަތް އަހަރު، އަދި އަށް އަހަރު، ނުވަތަ ނުވަ އަހަރު ހުންނަވާނެކަމަށް އައިސްފައިވެއެވެ. އޭގެފަހުގައި މަހްދީގެފާނު އަވަހާރަވާނެއެވެ. އޭގެފަހުން އަންނާނެ ފިތުނަތައް ބޮޑުކަމާއި، ހެވެއް ދެންނާންނާނެކަން ބަޔާންކުރައްވައި رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ މަހްދީގެފާނަށްފަހު ދުނިޔޭގައި ހުރުމުގެ ހެވެއް ނެތްކަން ބަޔާންކޮށް ދެއްވާފައެވެ.

Advertisement

ކޮމެންޓް