އެސްފީނާއިން ދަރިފުޅު ސަލާމަތްކުރާނެ ގޮތް!

05 Dec 2020 | 13:12

ޢަރަބިބަހުންނަމަ "العَينُ" އަދި ދިވެހިބަހުންނަމަ "އެސްފީނާ" ނުވަތަ "އެސްފިންނާ" އަކީ ޙަޤީޤަތުގައިވެސް ޖެހޭ އެއްޗެއްކަން رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތަކުގައި ވަރަށް ސާފުކޮށް އައިސްފައިވެއެވެ. މިގޮތުން އެއް ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((الْعَيْنُ حَقٌّ، وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ)) (مسلم) މާނައީ: "އެސްފީނާއަކީ ޙައްޤުކަމެކެވެ. (އެބަހީ؛ ޙަޤީޤަތުގައިވެސް ޖެހޭ، އަދި އެއިގެން އަސަރުކުރުވާ ކަމެކެވެ.) އަދި (މާތް ﷲގެ) ޤަދަރުފުޅަށްވުރެ އެއްވެސް އެއްޗަކަށް އިސްވެގަނެވޭނަމަ، އެސްފީނާ އިސްވެގަތީހެވެ." މި ޙަދީޘްގައި އެކަލޭގެފާނު ބަޔާންކޮށްދެއްވާފައި މިވަނީ އެސްފީނާގެ އަސަރު ވަރުގަދަކަމުގެ ވާހަކައެވެ. މިފަދަ އެތައް ޙަދީޘެއް ވާރިދުވެފައިވެއެވެ.

ދަރިންގެ ނިޢުމަތަކީ މާތް ﷲ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ހަމައެފަދައިން، އެކުދިންގެ މަޢުޞޫމުކަމާއި، ރިވެތިކަމަކީ އެހެންމީހުންގެ ހިތްތައް އެކުދިންނާމެދު ލޯބިން ފުރި، އެ ހިތްތައް އެކުދިންނާ ދިމާލަށް ލަންބުވާލާފަދަ ވަރުގަދަކަމެއް އެކުލެވިގެންވާ ކަންކަމެކެވެ. އަދި ޙަސަދަވެރިން

ގެ ހިތްތައް ޒަޚަމުކޮށް ކުދިކުދި ކޮށްލަނިވި ކަންކަމެކެވެ. އެކުދިންނާ ބައްދަލުވާ، އަދި އެކުދިންނަށް ބަލާ ކޮންމެ ލޮލަކީ އެކުދިންނަށް ހެޔޮ އެދޭ ލޮލަކަށް ނުވާނެއެވެ. އެކުދިންނާމެދު، ނުވަތަ އެކުދިންގެ މައިންބަފައިންނާމެދު، ނުވަތަ ޢާއިލާއާމެދު ޙަސަދަވެރިކަމުގެ އަލިފާންގަނޑު ހިތްތަކުގައި އަނދައަނދާހުންނަ ލޯތައް ވާނެއެވެ. ޙަސަދައިގެ ސަބަބުން ނުކުންނަ ވިހައިގެ ތީރުތައް އެކުދިންނަށް އަމާޒުވުމަކީ ދާދިގާތުގައިވާ ކަމެކެވެ.

ތިމާގެ ފުށުން އެފަދަ ކުއްޖަކަށް ނުވަތަ މީހަކަށް އެސްފީނާ ޖެހިދާނެކަމުގެ ބިރަށްޓަކައި ކަންތައް ކުރަންވީގޮތް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެފަދަ ކުދިންނާއި، މީހުންގެ ފުށުން ޢަޖައިބުކުރުވަނިވި ކަންކަމާއި ނިޢުމަތްތައް ތިމާއަށް ފެންނަހިނދު، ގެއްލުމެއް ކުރިމަތިވެދާނެފަދަ ޢިބާރާތްތައް ބޭނުންކުރުމުން ދުރުހެލިވާންޖެހޭނެއެވެ. އަދި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާފައިވާ ފަދައިން ތިބާއަށް އޮތީ ބަރަކާތްލެއްވުމަށް އެދި ދުޢާކޮށްދިނުމެވެ. މިގޮތުން ((بَارَكَ اللهُ لَكَ)) މާނައީ: "ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ!" މި ފަދަ ޢިބާރާތެއް ބޭނުންކުރެވިދާނެއެވެ. އަދި ((مَا شَاءَ اللهُ)) މާނައީ: "ﷲ އިރާދަކުރެއްވި ގޮތެވެ." މިފަދައިންވެސް ކިއިދާނެކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

އެސްފީނާގެ ސުންޕާކަމުން ދަރިން ސަލާމަތްކޮށް، ރައްކާތެރިކުރުމަށްޓަކައި އެކުދިންގެ މައިންބަފައިން ނުވަތަ ބެލެހެއްޓުންތެރިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މިގޮތުން އެސްފީނާއިން ކުދިން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރުމަކީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އިބްރާހީމް عَلَيهِ السَّلَامُ ގެ ފަރާތްޕުޅުން ފެންނަން އޮތްކަމެކެވެ. މިގޮތުން ޞަޙީހުލް ބުޚާރީގައި އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަސަންގެފާނާއި ޙުސައިންގެފާނަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. "ތިޔަ ދެ ދަރިކަލުންގެ ބައްޕާފުޅު (އެބަހީ؛ އިބްރާހީމްގެފާނު) އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނަށް ރައްކާތެރިކަން ދެއްވުން އެދި މި ކަލިމަފުޅުތަކުން ދުޢާކުރެއްވިއެވެ. ((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ)) މާނައީ: "ﷲގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެންމެހާ ޝައިޠާނުންނާއި، އެންމެހާ ވިހަލާ ސޫފިތަކާއި، އެންމެހާ އެސްފީނާ ޖައްސުވައިދޭ ލޮލަކުން (ތިޔަ ދެ ދަރިކަލުންނަށް) ރައްކާތެރިކަން ދެއްވުމަށް އެދެމެވެ."

މީގެ އިތުރުން ކީރިތި ޤުރްއާނާއި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ވާރިދުވެގެންވާ ދުޢާތަކާއި ޛިކުރުތައް ބޭނުންކޮށްގެން އެސްފީނާއަށް ފަރުވާކުރުމަކީ އައިސްފައިވާ ކަމެކެވެ. މިގޮތުން؛ ފާތިޙާ ސޫރަތަކީ ޝިފާއެއްކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އަދި ފަލަޤު ސޫރަތާއި ނާސި ސޫރަތުން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެސްފީނާއަށް ރުޤްޔާކުރައްވާފައިވާކަން ސާބިތުވެގެން އައިސްފައިވެއެވެ. އާޔަތުލްކުރުސި އަކީ ޤުރްއާނުގައިވާ އެންމެ މާތް އާޔަތެވެ. އަދި މި ނޫންވެސް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ރުޤްޔާކުރެވޭނެއެވެ. އެއްފަހަރު ކިޔެވިނަމަވެސް، އަދި ތަކުރާރުކޮށް 3 ފަހަރު، އަދި އެއަށްވުރެވެސް ގިނައިން ކިޔެވޭނެއެވެ. މިގޮތުން މި އާޔަތްތަކާއި ސޫރަތްތައް ކިޔަވާފައި ދަރިފުޅަށް ފުމެލުމާއި، ފެނަށް ކިޔަވައިގެން އެފެނުން ދަރިފުޅު ފެންވެރުމާއި، ފެން ބޯން ދިނުން ހިމެނެއެވެ. ޝިފާއަށްއެދި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކުރައްވާފައިވާ ދުޢާތަކުގެ ތެރޭގައި އަންނަނިވި ދުޢާވެއެވެ. ((اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا)) (البخاري) މާނައީ: "އޭ ﷲ! މީސްތަކުންގެ ރައްބެވެ! ބަލި ގެންދަވާފާނދޭވެ. އަދި އޭނާއަށް ޝިފާދެއްވަވާނދޭވެ! އިބައިލާހީ ޝިފާދެއްވާ އިލާހެވެ. އިބައިލާހުދެއްވާ ޝިފާ ނޫނީ ޝިފާއެއްނުވެއެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ." އަދި ޖިބްރީލުގެފާނު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ރުޤްޔާކޮށްދެއްވަމުން އަންނަނިވި ދުޢާއިން ދުޢާކުރެއްވިއެވެ. ((بِاسْمِ اللهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللهُ يَشْفِيكَ بِاسْمِ اللهِ أَرْقِيكَ)) (مسلم) މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫކުރުވާ ކޮންމެ އެއްޗަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރި ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ! ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރައްވަމެވެ."

ހަމަމިއާއެކު، ކުދިންނަށް ލިބޭ ތަފާތު އެކިއެކި އުފާވެރިކަންކަމާއި، އެކުދިންގެ ފޮޓޯތަކާއި، އެކުދިންގެ ކިބައިގައިވާ ނިޢުމަތްތައް މީސްތަކުންނަށް އިޝްތިހާރުކޮށް، ސޯޝަލް މީޑީޔާގައި ދައުރު ކުރުމަކީ ޙަސަދަވެރި ގިނަ ލޯތަކަކަށް ފެންނާނެކަމެކެވެ. އެހެންކަމުން މިފަދަ ކަމުން ރައްކާތެރިވާންޖެހެއެވެ.

މާތް ﷲ އަޅަމެންގެ ދަރިންނަށް ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ދެއްވާނދޭވެ!

Advertisement

ކޮމެންޓް