އަންހެނުންގެ ފުޓުބޯޅަ: ގޮންޖެހުންތަކާއި އެކުވެސް ކުރިއަށް!

27 Nov 2018 | 09:33

ދިވެހި މުޖުތަމައުގައި އަންހެން ކަނބަލުންނަކީ ޒަމާނުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ފަރާތްތަކެކެވެ. ސަގާފީ ކުޅިވަރުތައް ބާވެގޮަސް، ޒަމާނީ ކުޅިވަރުތައް ތައާރަފްވެދިޔައިރުވެސް، މިކަމަކީ ބަދަލެއް އައިސްފައިވާ ކަމެއް ނޫނެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ އުނގުގައި އޮތް ދުވަސްވަރު އާންމުވެގެންދިޔަ އެންމެ މަގުބޫލު ކުޅިވަރަކަށް ވާނީ ފުޓުބޯޅަކުޅުމެވެ. އިނގިރޭސީންގެ ކިބައިން ދިވެހިން މިންޖުވެދިޔަސް، ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގުނު ފުޓުބޯޅައަކުން ދިވެހިން މިންޖެއް ނުވިއެވެ.

ޒަމާނާއި އެއްގޮތަށް މަޑުމަޑުން ފުޓުބޯޅަވެސް ދިޔައީ ކުރިއަރަމުންނެވެ. ފުރަތަމަ ކޮޅު އާދައިގެ ގައުމުތަކުގެ ޓީމްތަކުގެ ކައިރިން 17-0 އިން ބަލިވި ރާއްޖޭގެ ޓީމް، ފަހުން އައިސް ކޮރެޔާ ފަަދަ ގަދަ ބާރުތައް ބަލިކޮށް، ސަރަހައްދީ ތަށިވެސް އުފުލާލިއެވެ. ހަގީގަތަކީ، ލަދުވެތި ބަލިތަކަަށްފަހު، އުފާވެރި ކާމިޔާބީތަކެއް ހާސިލްކުރިކަމެވެ. ލަސްލަހުން، ކުރި ގަދަ ހިތްވަރުންނެވެ.

ދިވެހި އަންހެނުންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސަފްހާތައްވެސް ލިޔެވިގެންދިޔައީ ހަމަ މިބީދައިންނެވެ. ހިތި ބަލިތަކެއް ފުރަތަމަ ކޮޅު ހޯދުމުން ބަދުބަސް ރައްދުވީ ކުޅުންތެރިންނާއި އެފްއޭއެމްއަށެވެ.

ފުޓުބޯޅައަކީ އަންހެނުންގެ ކުޅިވަރެއް ނޫންކަމުގައި ބުނެ، އެނޫން އެހެން ކުޅިވަރެއް ކުޅުމަށް ކުޅުންތެެރިންގެ ގާތުގައި އެދުނު ގާތްމީހުންވެސް ވަކި މަދެއް ނޫނެވެ. ފުޓުބޯޅަ ކުޅުމަކީ މީހާ "ފިރިހެން" ވާ ކަމެއްކަމުގައި ބުންޏެވެ. ނަމަވެސް އެ ކުޅުންތެރިން އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހުނެވެ. ގަދަހިތްވަރާއި ކެރުންތެރިކަން، ކަށީގެ އެންމެ ފުނުން ދައްކައި، ފާޑުކިޔުންތެރިންގެ އަނގަތައް ހަމަ ރަނގަޅަށްވެސް ބަންދުކޮށްލައިފިއެވެ.

އެޓީމުން ވަނީ ދާދިފަހުން ސިންގަޕޫރުގައި ބޭއްވިގެންދިޔަ އިންޓަނޭޝަނަލް ކުއަޑަ ރެންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ވަނީ ޕެނަލްޓީޖަހައިގެން އިންޑޮނީޝިޔާ ބަލިކޮށް ހޯދާފައެވެ.

ގައުމީ އަންހެން ޓީމުން މި މުބާރާތުގައި ދެއްކި އާދަޔާ ޚިލާފު ކުޅުމަށް ގިނަ ފަރާތްތަކުގެ ތައުރީފުދަނީ އޮހެމުންނެވެ. މި މެޗަކީ މި މަހު، ފަލަސްތީންގައި ކުރިއަށް ގެންދިޔަ އޮލިމްޕިކް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ގުރޫޕް ޑީ ގައި އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވުމުގެ ބަދަލުހިފާލުމޭވެސް ހަމަ ބުނެވިދާނެއެވެ.

މިއަދު އެޓީމަށް ރާއްޖެއާއި ދުނިޔޭގެ ތައުރީފު އެދަނީ ލިބެމުންނެވެ. އެހެނަސް އެއީ އެއް ޒަމާނެއްގައި ސޯޝަލް މީޑިޔާގައި އުޅޭ ފުޓުބޯޅައިގެ "މާހިރުންނަށް" އޮންނަން ހެޔޮވެސްވާ ވަރުގެ ޓީމެއް ނޫނެވެ.

ހަގީގަތަކީ އަންހެން ޓީމުވެސް މަޑުމަޑުން ތަރައްގީވަމުން އަންނަ ކަމެކެވެ. ވާދަ ކުރަމުންދާ ޓީމްތަކަށްވުރެ ތަޖުރިބާއާއި ހުނަރުގެ ގޮތުން މަދު ފަރާތްތަކެއް ތިބެ، އުނދަގޫތަކާއި އެކުވެސް އެޓީމު ހިތްވަރުލާކަމީ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެކެވެ. ސާބަސްދޭންވީ ކަމެކެވެ.

އެއީވެސް މިގައުމުގެ ވިންދެވެ. އެއީވެސް މިގައުމުގެ ފަޚުރެވެ. އެއީވެސް މި ފެއްސާ ރަތާއި ހުދުގެ ފަހުލަވާނުންނެވެ. އެއީވެސް މޮޅު ކުޅުންތެރިންތަކެކެބެ. އަދި އެއީވެސް ހަގީގީ ދިވެހި ކަނބަލުންނެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން ދިވެހި ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ހޯދި ކާމިޔާބީއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

Advertisement

ކޮމެންޓް

Advertisement