މޯބައިލް އެޕް ހަދަން ދަސްކުރަން ބޭނުންތަ؟ ޖަވާބު އެކެޑަމީން އެހީތެރިވާނެ!

06 Dec 2020 | 17:22

ތަރައްގީވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީގެ ރޮނގުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ފެންނަމުންދަނީ ކުރިއަރަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. ޒަމާނީ އެކި ކަންކަމާއި ދިވެހިން ރަހުމަތްތެރި ވެފައިވާއިރު، އޭގެ ތެރެެއިން އެކައްޗަކީ ތަފާތު މޯބައިލް ފޯން އެޕްތަކެވެ. މިއަދު ދިވެހިންނަކީ މޯބައިލް ފޯންގެ އެޕްތައް ބޭނުންކުރުމުގެ އިތުރުން އުފައްދާ އަދި މާކެޓްކޮށްވެސް ހަދާ ބައެކެވެ.

މިގޮތުން އެޕް ހަދަން ދަސްކުރަން ބޭނުންވާ ގިނަ ދިވެހިން އުޅޭކަން ފާހަގަކޮށްލެވެއެވެ. އެފަރާތްތަކަށް އަމާޒުކޮށްގެން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއްކަމަށްވާ ޖަވާބުގެ ފަރާތުން ހިންގާ ޖަވާބު އެކަޑަމީން ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ. ކޯޑުނުކޮށް، އެންޑްރޮއިޑް އަދި އައިއޯއެސްގެ މޯބައިލް އެޕް ހެދުމަށް ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

12 ޑިސެމްބަރުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ކޯހުން ވިޔަފާރި އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވިދާނެފަދަ އޮންލައިން އެޕް އަދި ގޭމްތައް ހެދުމަށް ދަސްކޮށްދޭނެކަމަށް ޖަވާބުން މައުލޫމާތުދެއެވެ. 5 ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގެ ކްލާސްތައް އޮންނާނީ ހޮނިހިރު އަދި އަންގާރަ ދުވަހުގެ ރޭގަނޑު 8 އިން ފެށިގެން 9:30 އާއި ހަމައަށެވެ. އަދި ބައިވެރީންނަށް ޖަވާބު އެކަޑަމީ އޮންލައިން ޕޯޓަލްއިން ކުލާސްތަކުގެ ރިކޯޑިންގްވެސް ބަލާލެވޭނެއެވެ.

990 ރުފިޔާގެ ފީއެއް ހިމެނޭ މި ކޯހުގައި ކިޔަވައިދޭނީ ދާއިރާގެ ތަޖުރިބާކާރު ދިވެހިންކަން ފާހަގަކޮށްލެވެއެވެ. އަދި މިކޯސް ފަރުމާ ކުރެވިފައިވަނީ މުޅިން އަލަށް މިހުނަރު ދަސްކުރަން ބޭނުންވާ ފަރާތްތަކަށެވެ. މިކޯހުގައި ބައިވެރިވުމަށް އެއްވެސް ތަޖުރިބާއެއް ނުވަތަ ޓެކްނިކަލް ހުނަރެއް އެނގޭކަށް ނުޖެހެއެވެ.

ކޯހުގައި ރެޖިސްޓަރވުމަށް ފިތާލައްވާ

މި ކޯހުގައި ޖުމްލަ 10 ކްލާސް ހިމެނިފައިވެއެވެ. މިއިން ކޮންމެ ކްލާހަކުން އެޕްތައް ހެދުމާއި ގުޅޭ ތަފާތު ގިނަ މައުލޫމާތުތައް ދަސްވެގެންދާއިރު، ބައިވެރިން އަމިއްލައަށް އެޕްތައް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޯހުގެ ތެރެއިން ކިއުއާރު ކޯޑް ރީޑްކުރާ އެޕެއް، އީކޮމާސް އެޕެއް، ސްޕޭސް އެސްކޭޕް ގޭމެއް، ކަލަރިންގ ގޭމެއް އަދި ތާނަ ހިމެނޭ އެޕެެއް ހެދުމަށް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. އަދި އެއަށްފަހު އެޕްތައް ޕްލޭ ސްޓޯރާއި އެޕް ސްޓޯރަށް ލާނެ ގޮތްވެސް ދަސްކޮށްދޭނެއެވެ.

މިކޯހުގެ އައުޓްލައިން ޑައުންލޯޑްކޮށްލުމަށް މިތަނަށް ފިތާލާ

ޖަވާބު އެކަޑަމީއަކީ މިނިސްޓްރީ އެފް ހަޔަރ އެޑިއުކޭޝަންގައި ރެޖިސްޓްރީ ކުރެވިފައިވާ އެޑިއުކޭޝަނަލް އިންސްޓިޓިއުޓެކެވެ. މީގެ ކުރީންވެސް ޖަވާބު އެކަޑަމީއިން ވަނީ ޓެލްނިކަލް ރޮނގުތަކުން އޮންލައިން އަދި އޮންސައިޓް ކުރުމުއްދަތުގެ ކޯސްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވެބް ޑިވެލޮޕްމެންޓާއި ޑިޒައިނިންގް އަދި އޮޓޯކެޑްފަދަ ކޯސްތައް ހިމެނެއެވެ.


Advertisement

ކޮމެންޓް