ސާރވޭގެ ނަތީޖާއިން ދައްކަނީ ރައްކާތެެރިކަމުގެ ފިޔަވަޅުތައް އަދިވެސް ގެންގުޅެންވާނެ ކަމަށް!

07 Dec 2020 | 11:26

ކޮވިޑް-19 ބަލީގެ އެންޓިބޮޑީ އާންމުންގެ ހަށިގަނޑުގައި ހުރި މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ސީރޯޕްރިވެލެންސް ސާރވޭގެ ނަތީޖާ އާންމުކޮށްފިއެވެ.

މި ދިރާސާއިން ދެނެގަނެވުނު ކަންތައްތައް ހާމަކުރައްވާފައިވަނީ މިރޭ ކުރިއަށްދިޔަ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ޑިރެކްޓަރ އޮފް ރިސާރޗް، ޑރ.ރަހީމާ އަބްދުލްރަހީމެވެ.

ޑރ.ރަހީމާ ވިދާޅުވީ މި ޓެސްޓް ހެދިއިރު، ސާވޭ ހެދުނު ފަރާތްތަކުގެ ތެރެއިން 13.4 އިންސައްތަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުރިކަމަށެވެ. އޭގެން ދައްކުވައިދެނީ މާލޭގެ އާބާދީއަކީ 208،000 މީހުން ކަމަށްވާނަމަ، ކޮވިޑަށް ހުށައެޅިފައިވަނީ 38،000 މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ފާހަގަކޮށްލަން ޖެހޭކަމަކީ 87 އިންސައްތަ ކޮވިޑަށް އަދި ހުށައެޅިފައި ނުވާކަމަށް ސާމްޕަލުން ދެއްކުންކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެންޓިބޮޑީސް ނެތްކަމަށް ދައްކަނީ 87 ޕަސެންޓްކަމަށާއި، މީގެ މާނަައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް ގެންގުޅެންވާނެކަން ކަމަށް ޑރ.ރަހީމާ ވިދާޅުވިއެވެ.

"އެހެންވީމާ އެންޓިބޮޑީސް ނެތްކަމަށް ދައްކަނީ 87 ޕަސެންޓް. މީގެ މާނައަކީ އަޅުގަނޑުމެން އަދިވެސް ހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެޔޭ. މާސްކް އެޅުމާއި އަތްދޮވުމާއި އަދި ގައިދުރުކަން ބެހެއްޓުން"، ޑރ.ރަހީމާ ވިދާޅުވިއެވެ.

އެންޓިބޮޑީސް ހުރި މީހުންގެ ތަފްސީލްތަކަށް ބަލާލާއިރު، ބިދޭސީންގެ ތެރެއިން 36.4 އިންސައްތަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުރިކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. އަދި ދިވެހިންގެ މިއަދަދު ހުރީ 8.5 އިންސައްތައިގައިކަން ފާހަގަކޮށްލެވެއެވެ. 

އެހެންކަމުން ބިދޭސީންނަަށް ބަލައިފިނަމަ ކޮންމެ ތިން މީހަކުން އެކަކު ވަނީ ކޮވިޑަށް ހުށައެޅިފައެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ 11 މީހަކުން އެކަކު ވަނީ ބައްޔަށް ހުށައެޅިފައެވެ. ޑރ.ރަހީމާ ވަނީ މިކަމުގެ ސަބަބުން ދިވެހިން އިތުރަށް ބަލައިގެން އުޅެންޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ހުރިހާ ފަރާތްތަކުން މާސްކް އަަޅައި ގަވާއިދަށް އުޅޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސީރޯޕްރިވެލެންސް ސާރވޭއަކީ، މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ބަލި ފެތުރެމުންދާ މިންވަރު ހޯދައި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށް ހިންގި ދިރާސާއެކެވެ. މީގެ ތެރެއިން ދެނެގަތް އެންޓިބޮޑީއަކީ ބަލި ޖެހުމުން ދެވަނަ ފަހަރަށް ދިފާއުކޮށް ރައްކާތެރިކޮށްދޭން ހަށިގަނޑުން އުފައްދާ ޕްރޮޓީނެކެވެ.

Advertisement

ކޮމެންޓް

Advertisement