ނަމާދުކޮށް އުޅެނީ މުސްލިމުން، ނަމާދު ވަގުތުވެސް އެނގޭނީ އެމީހުންނަށް: އައްޝައިޚް ފަޟުލޫން

07 Dec 2020 | 18:18

ނަމާދުކޮށް އުޅެނީ މުސްލުމުންކަމާއި ނަމާދުގެ ވަގުތު އެނގޭނީ އެމީހުންނަށްކަމަށް އައްޝައިޚް ފަޟުލޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

އައްޝައިޚް ފަޟުލޫން މިހެން ވިދާޅުވެފައިވަ މިވަނީ، ނަމާދަށް ދިއުމަކީ ކުރާ މަސައްކަތެއްކޮށް އަވަހަށް ނިންމާފައި ކުރަންޖެހޭ ކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ.

"ނަމާދަށް އަރުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު ޢިޝާ ނަމާދަށް ގޮވަނީ 07:12 ގައިކަން. މަޣުރިބު ނަމާދަށް ހަމަ ދެންމެއަކު އެގޮވީ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވާލަން ބޭނުން ނަމާދުގައި އޮންނަ ގޮތަކީ އެކުރާކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން. އެގޮތައް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެނގިފައި އޮންނަނީ." ނަޝީދު ވިދާޅުވިއެވެ.

އައްޝައިޚް ފަޟުލޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިގޮތުގައި ކާފިރުން ކިތައްމެ ވަރަކަށް އޮޅުވައިލަން އުޅުނަސް މުސްލިމުންނަކަށް ނުއޮޅޭނެއެވެ.

"ނަމާދުކޮށް އުޅެނީ މުސްލިމުންނެވެ. ނަމާދުގެ ވަޤުތުތައްވެސް އެނގޭނީ އެމީހުންނަށެވެ. ކާފިރުން ކިތައްމެ ވަރަކަށް އޮޅުވައިލަން އުޅުނަސް މުސްލިމުންނަކަށް ނުއޮޅޭނެއެވެ." އައްޝައިޚް ފަޟުލޫން ވިދާޅުވިއެވެ.


Advertisement

ކޮމެންޓް