އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެެރިވުމަށް ފައިޒާ ވެކްސިން ދޭން ފަށައިފި

08 Dec 2020 | 14:10

ކޮވިޑް-19 ބަލިން ދިފާއުވެ ރައްކާތެެރިވުމަށްޓަކައި ތަރައްގީކޮށްފައިވާ ފައިޒާ/ބަޔޮންޓެކް ވެކްސިން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދޭން ފަށައިފިއެވެ.

އެގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި މި ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ އުމުރުން 90 އަހަރުގެ އަންހެނެއް ކަމަށްވާ މާގަރެޓް ކީނަންއަށެވެ. އަންނަ ހަފްތާގައި އުމުރުން 91 އަހަރު ފުރޭ މާގަރެޓް މި ވެކްސިން ލިބުން ސިފަކޮށްދީފައިވަނީ އުފަންދުވަހުގެ ކުރިން ލިބުނު އެންމެ ރަނގަޅު ހަދިޔާގެ ގޮތުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުން ވަނީ ފައިޒާ ވެކްސިންގެ 40 މިލިޔަން ޑޯޒަށް އޯޑަރު ދީފައެވެ.

އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ކަނޑައެޅޭ ހަބްތަކުން މި ވެކްސިން އުމުރުން 80 އަހަރުން މަތީގެ ފަރާތްތަކަށާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ގަޔަށް ޖަހާނެއެވެ. ކުރިއަށްއޮތް ހަފްތާތަކުގެ ތެރޭގައި ފައިޒާ ވެކްސިންގެ 800،000 އެއްހާ ޑޯޒްތައް ދޭން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތަކީ ފައިޒާ ވެކްސިން އެޕްރޫވްކޮށް ޖަހަން ފެށި ފުރަތަމަ ގައުމުކަން ފާހަގަކޮށްލެވެއެވެ.

މި ވެކްސިން ހަށިގަނޑަށް ޖެހުމުން އެމްއާރުއެންއޭ ކިޔާ ބޮޑީ ޖެނެޓިކް މެޓީރިއަލެއް ހަށިގަނޑަށް ތައާރަފްކޮށްދޭނެއެވެ. މީގައި ކޮރޯނާ ވައިރަހުގެ ސްޕައިކް ޕްެރޮޓީން އުފެއްދުމުގެ އިންސްޓްރަކްޝަންތައް ހިމެނިގެންވެއެވެ. މި ޕްރޮޓީންތަކުގެ ރައްދުގައި ހަށިގަނޑުގެ ދިފާއުތައް އެކްޓިވޭޓްވެގެންދެއެވެ.

Advertisement

ކޮމެންޓް