ބީއެމްއެލްއަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

08 Dec 2020 | 15:38

ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ.

މި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްދީފައެވެ.

ޖުމްލަ 33 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުހައްމަދު އަހުމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާ އަބްދުﷲ ސައީދު (ސީނިއަރ ޕެރަލީގަލް) އަދި ހާނީމާ ނަސީމް (ގަމު ބްރާންޗް .މެނޭޖަރ) އަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ފައިތުވި ދިގު މުއްދަތުގައި އެހާމެ ހީވާގި ކަމާއެކު ބުރަ މަސައްކަތް ކޮށްދެއްވި ތިޔަ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވި 35 އަހަރުގައި ބޭންކުގައި އެހާމެ މުހިންމު ދައުރެއް އަދާ ކޮށްދެއްވާފައިވާ މުޙައްމަދު އަދި ޝާމް އަށް ހާއްސަ ޝުކުރެއް އަދާކުރަން."

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

Advertisement

ކޮމެންޓް