ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެވި ފްލެޓް ކޮމިޓީގެ ބައްދަލުވުން ކުއްލިގޮތަކަށް ނިންމާލައިފި

10 Dec 2020 | 01:49

ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރިމަތި ކުރުވި ގިނަ ސުވާލުތަކަކަށް ޖަވާބު ނުދެވި ނޫސްވެރިންގެ ބައްދަލުވުން ކުއްލިގޮތަކަށް ނިންމާލައިފިއެވެ.

އެތައް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާއި ގުޅޭ، ހިޔާ ފްލެޓްގެ ލިސްޓު އަލުން އެކުލަވާލުމަށް ހަވާލުވެފައިވާ ފްލެޓް ކޮމިޓީއަކީ މިހާތަނަށް ވެސް މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ މުއައްސަސާއެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފްލެޓް ކޮމިޓީން ހިއްސާކޮށްފައިވަނީ ވަކި ވަކި ކެޓަގަރީތަކަށް ޕޮއިންޓު ދީފައިވާ ގޮތުގެ މައްޗަށެވެ. މިފަދަ ޕްރެސް އެއް ބާއްވާފައިމިވަނީ ހިޔާ ފްލެޓްއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްސީލް ހާމަނުކޮށް، ފްލެޓް ލިސްޓް އާއްމުކުރުމުން އެ މައްސަލަ އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން އޭސީސީއަށް ލުމަށް ނިންމުމާއި ގުޅިގެންނެވެ.

މިއަދު ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެވިފައިވަނީ އެންމެ ސުވާލެއްކުރުމުގެ ފުރުސަތުކަމުން ނޫސްވެރިންގެ ކަންބޮޑުވުން ވަނީ މި ބައްދަލުވުމުގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން ނޫސްވެރިން ކޮށްފައިވާ ސުވާލުތަކަށް ސީދާ ޖަވާބު ދީފައިނުވުމުން ނޫސްވެރިން އައީ ތަކުރާރުކޮށް ސުވާލުތަކަށް ޖަވާބު ނުލިބޭކަމަށް ބުނަމުންނެވެ.

އެގޮތުން "ދިޔަރެސް" ނޫހުންކޮށްފައިވާ ސުވާލަށް ޖަވާބު ނުދިނުމުން އެ ނޫހުގެ ނޫސްވެރިޔާ އަޒާން ވަނީ އެކަން ފާހަގަކޮށްފައެވެ.

ދިރިއުޅުމުގެ ހާލަތައް ޕޮއިންޓު ދިނުމުގައި ވަރަށް ޓެކްނިކަލް ކަންކަމުގެ ވާހަކަ ވާއިރު، މިކަންކަމަށް ރިޔާއަތްކުރަނީ ކޮން ޤަވާއިދަކާއި އުސުލްތަކަށް ކަމެއް ކޮމިޓީން ޖަވާބު ދެވިފައެއްނުވެއެވެ. އަދި ގޭގެއަށް ހާލަތު ބެލުމަށް ޒިޔާރަތްކުރި ފަރާތްތަކަކީ އިމާރާތުގެ ހާލަތު ބެލުމުގެ ޓެކްނިކަލް ބެކްގްރައުންޑް ހުރި ފަރާތްތައްކަންވެސް ސާފުކޮށްދެވިފައެއްނުވެއެވެ.

ފްލެޓް ކޮމިޓީން ޢާންމުކުރި އައު ލިސްޓުތަކުގެ 90 އިންސައްތައްއަށްވުރެ ގިނަ ފަރާތްތަކަށް ފްލެޓް ލިސްޓުން ކަޓާފައިވަނީ ދިރިއުޅުމުގެ ހާލަތައް ޕޮއިންޓު މަދުވެގެންނެވެ. ނަމަވެސް މިހާތަނަށްވެސް ފްލެޓް ކޮމިޓީން ވަނީ މިކަން ސާފުނުކޮށްދީއެވެ.

ޗެނަލް13 އިން ކުރި ސުވާލާއެކު މިއަދުގެ ޕްރެސް ކުއްލިގޮތަކަށް ނިންމާލާފައިވާއިރު، އެ ޗެނަލްގެ ފަރާތުން ކުރި ސުވާލަށްވެސް ކޮމިޓީން ވަނީ ޖަވާބު ނުދީ މައިކް އަޑު ކަނޑަލުމަށްފަހު ޕްރެސް ނިންމާލަފައެވެ.

އޮންލައިންކޮށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ފޮލޯއަޕް ސުވާލު ކުރުމާއި، ޖަވާބު ނުލިބުމުން އިތުރަށް ސުވާލުކުރުމަށް ފުރުސަތު ނުދީ މައިކް އަޑު ވަނީ ކަނޑާލާފައެވެ.

Advertisement

ކޮމެންޓް