މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސް މަސްވެރިންނަށް ފޮނުވައިފި

10 Dec 2020 | 12:26

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާއި އަދި އެސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް ތަޙްނިޔާ ފޮނުއްވައިފިއެވެ.

ރައީސް ތަހްނިޔާ ފޮނުވާފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމުކަން ހާމަވެފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ކޯވިޑްގެ ފުރަބަންދުގެ ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ޞިނާޢަތްކަން ފާހަގަކުރައްވައި، ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މި ޞިނާޢަތް އިތުރަށް ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާޢިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.


Advertisement

ކޮމެންޓް