ކޮވިޑް ވެކްސިނާ ބެހޭގޮތުން މައުލޫމާތުދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަނީ

10 Dec 2020 | 14:53

ކޮވިޑް ވެކްސިން ޖެހުމުގެ ތައްޔާރީތަކުގެ ތެރެއިން ވެކްސިނާ ގުޅޭގޮތުން މައުލޫމާތުދޭން ޚާއްސަ މަަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ހާމަކޮށްފިއެވެ.

ކޮވިޑް ވެކްސިނާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމަށް ވަމުންެދާ ތައްޔާރީތަކުގެ ތެރެއިން ވެކްސިނާ ގުޅޭގޮތުން މައުލޫމާތުދިނުންވެސް ހިމެނިފައިވާ ކަމަށެވެ. އެގޮތުން ވަކި ޓީމަކުން ވަކި މަސައްކަތެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ޑރ.ނަޒްލާ ވިދާޅުވީ މިކަމުގައި ބައިނަލްއަގްވާމީ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާއި ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ދިރާސާތަކާ ތަޖުރިބާތަކަށް ބަލައި ކުރާނެ ކަންކަން މިހާރު ރޭވިފައިވާ ކަމަށެވެ. މި އިސްތިރާޖުގެ ދަށުން އާންމުންނަށް އެކި ފިޔަވަހިތަކުގައި ދޭނެ މައުލޫމާތުތަކާއި އެ މައުލޫމާތުތައް ދޭނެ ފަރާތްތައް ކަނޑައެޅި ތައްޔާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީވެސް އެ މުވާސަލާތީ އިސްތިރާޖުގެ ތެރެއިން ކުރިއަށްދާ އެއް ކަންތައް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ މިއާއެކު އާންމުންނަށް އެކި ގޮތްގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ވެކްސިން ހެސިޓެންސީއާ ދެކޮޅަށް ވަކި ސްޓެރެޓަޖީއެއްގެ ދަށުން މަސައްކަތް ކުރެވެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމަށް ރާއްޖެއިން ހުށައެޅި އެޕްލިކޭޝަން ބަލައިގަނެފައިވާކަމަށް މިއަދު ވަނީ އިއުލާންކޮށްފައެވެ. މި ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ ފުރަތަމަ ތިން އިންސައްތަ ދޭން ހަމަޖެހިފައިވަނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށެވެ. އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށްވެސް ފުރަތަމަ ވެކްސިން ދޭނެއެވެ.

Advertisement

ކޮމެންޓް