އެމެރިކާއިން އަނެއްކާވެސް ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އެހީއެއް!

10 Dec 2020 | 22:01

ދިވެހިރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެމެރިކާއިން އަނެއްކާވެސް ގިނަ އަދަދެއްގެ އަގުހުރި ސިއްހީ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެގޮތުން އެމެރިކާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެޕްލިޓްޒް ވަނީ އައިސީޔޫގައި ބޭނުންކުރާނެ އާލާތްތަކެއް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތު އަދި އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން މައުލޫމާތުދޭ ގޮތުގައި އައިސީޔޫގައި ބޭނުންކުރުމަށް ހަދިޔާކުރެވުނު ސާމާނުގެ ތެރޭގައި 40 އޮކްސިޖަން ކޮންސެންޓްރޭޓާސް ހިމެނޭގޮތަށް 165،000 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 2.5 މިލިޔަން ދިވެހި ރުފިޔާގެ ސާމާނު ހިމެނެއެވެ. މި އެހީގެ ސަބަބުން ދިވެހިރާއްޖޭގައި ކޮވިޑް-19ގެ އިތުރުން ފުއްޕާމޭގެ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށްވެސް އެހީތެރިކަން ލިބޭނެއެވެ.

އަދި މީގެކުރިން އެމެރިކާއިން ހަދިޔާކޮށްފައިވާ ވެންޓިލޭޓަރުތަކާ އެކު ބޭނުންކުރެވޭ މި ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްހީ އެހީތެެރިންގެ މަސައްކަތްތައްވެސް އިތުރަށް ލުއިވެގެން ދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އެހީއަކީ އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ޑިފެންސްގެ ފަރާތުން ދީފައިވާ އެހީއެކެވެ.

މި އެހީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ސަފީރު އެލައިނާ ބީ ޓެޕްލިޓްޒް ވިދާޅުވީ މި އެހީއަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ކުރަމުންެދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement